ads
ރައިސް މުއިއްޒާއި ފުލުހުންގެ ކޮމިޝަނަރ އަދި ހޯމް މިނިސްޓަރ
ރައީސަށް ރިޕޯޓް ލިބިއްޖެ، ދިރާސާކުރަމުން ދަނީ: ރައީސް އޮފީސް
ޕީއެންއެފްގެ ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ފޮނުވި މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސް ޑރ. މުއިއްޒަށް ލިބިޑައިގެންފައިވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ރައީސް ބޭނުންވެވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. 

ރޭ ގިޔާސުއްދީން ސުކޫލުގަައި ބާއްވަން އުޅުނު ޕީޕަލްސް ނޭޝަނަލް ފްރަންޓުގެ ޖަލްސާއަށް ހުރަސްއެޅުމަށް ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ގޮސްފައިވަނީ އެމަނިކުފާނު ފުލުހުންނަށް ދެއްވާފައިވާ އިރުޝާދާ ހިލާފަށް ކަމަށާއި، އެމަނިކުފާނުގެ އިރުޝާދާ ހިލާފަށް އަމަލުކުރި ފަރާތްތަކާމެދު ތަހުގީގުކޮށް ފިޔަވަޅުއަޅުއްވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ހެނދުނުއެވެ.

ރޭގެ ޖަލްސާ އޮންނާނެކަން ކުރިއާލާ އިއުލާން ކުރުމަށް ފަހު، ގިޔާސުއްދީން ސްކޫލަށް ޕީއެންއެފްގެ މެންބަރުން ދިޔަ ވަގުތު ފުލުހުން ވަނީ އެ ސްކޫލުގެ ގޭޓް ބަންދުކޮށްފައެވެ. ފުލުހުން ބުނީ ގޭޓް ބަންދު ކުރަން ޖެހުނީ ގިޔާސުއްދީން ސްކޫލުގެ ހުއްދަ ނެތި ޖަލްސާ ބާއްވަން އުޅުމުން ކަމަށެވެ. ނަމަވެސް ޕީއެންއެފްއިން ބުނީ ސްކޫލުން ހުއްދަ ދިން ކަމަށެވެ.

އެސްއޯ ފުލުހުން ގޮސް ސްކޫލު ގޭޓް ބަންދު ކުރުމުން ވެސް ޕީއެންއެފްގެ ގިނަ ސަޕޯޓަރުން ބޭނުންވީ ސްކޫލުގެ އެތެރެއަށް ވަނުމަށެވެ. ފުލުހުން އެ ފުރުސަތު ނުދިނުމުން އެސްއޯ ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވަން އުޅުނު ޖަލްސާއަށް ހުރަސް އެޅި ކަމަށް ބުނެ ދައްކާ ވާހަކަތައް ސަރުކާރުންވެސް ވަނީ ދޮގުކޮށްފައެވެ. އަދި ގިޔާސުއްދީން ސްކޫލްގައި އެ ޖަލްސާ ބޭއްވެން ނެތުމުން، ޕީއެންއެފްގެ ޖަލްސާ ބާއްވާނެ ތަނެއް ވަގުތުން ހަމަޖައްސައި ދީފައިވާކަމަށް ސަރުކާރުން ރޭ ބުންޏެވެ.

"[އެސްއޯ ފުލުހުން] ފޮނުވަން ޖެހިއްޖިއްޔާ އަޅުގަނޑަށް އެނގޭނެ. މި ގައުމު އެ ހިސާބަށް ދިޔައީމާ އަޅުގަނޑު ދަންނަވާނަމޭ ފޮނުވަން ޖެހިއްޖިއްޔާ. ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގައި ރޯކޮށް، މީހުންނަށް ޖިސްމާނީ އަނިޔާކޮށް ނޫނިއްޔާ މުގައްދަސް ތަނަކަށް، މިސްކިތަކަށް ގެއްލުން ދިނުން. އެ ހިސާބަށް ނުވެސް ދާނެ އިރާދަކުރެއްވިއްޔާ،" ރަސްމީ ގެކޮޅު މުލީއާގޭގައި ހުންނަވައިގެން މިއަދު ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރޭކަން ހިނގާ ދިޔަ ގޮތުން ޕފުކުރު ބޮޑުވެެ ރޭ ނިދިވސް ނުކުރައްވާކަމަށެވެ. އަދި މިއަދު އިރުއޮއްސުމުގެ ކުރިން އެކަން ތަހުގީގުކޮށް ރިޕޯޓް ފޮނުވަން ހޯމް މިނިސްޓަރަށް އަންގާފައިވާނެކަމަށާއި ނިދި ކުރައްވާނީ ރިޕޯޓް ލިބުމުން ފިޔަވަޅު އެޅުއްވުމަށްފަހުކަމަށެވެ.  

" އެތައް ހިތާމަވެރިކަމެއް ހިނގި ބިކޯޒް އަޅުގަނޑު ބޭނުން ނުވި ކަމެއް އަނެއްކާ ކަނޑައެޅިގެން ނުކުރަން ބުނެފަ އޮތް ކަމެއް ކުރީމަ. އެހެންވީމާ އެކަމާ ހެދި އަޅުގަނޑު ހަގީގަތުގައި ވެސް ރޭގެ ނުވެސް ނިދުނު. އަދި މި ހުރީ ހަމަ އެކަމާ ވިސްނާ ވިސްނާ. އަޅުގަނޑަށް މި ރިޕޯޓު ލިބި މިކަމުގެ އަޑިއަށް ދެވި މިކަން ހައްލުވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑަށް ނިންޖެއް ލިބޭނެހެނެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާއި ސިޔާސީ ހިޔާލު ފާޅު ކުރުމަކީ ހައްގެއް ކަމަށާއި އެކަމަށް އެ މަނިކުފާނު ހުރަސް ނާޅުއްވާނެ ކަމަށެވެ. ޕީއެންއެފްއިން ފަހުން ޖަލްސާ ބާއްވައި ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރީތީ އުފާކޮށް މަރުހަބާ ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޖަލްސާގެ ބައިވެރިން ގިޔާސުއްދީންނަށް ވަނުމަށް ހުރަސް އެޅުމުން ޕީއެންއެފްގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި މުޒާހަރާކޮށްފަ އެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ވަނީ ބޭނުންކޮށްފަ އެވެ.  

ފުލުހުން އަމަލުކުރި ގޮތާއި ރޭ ހިނގާދިޔަ ކަންކަމާއި ގުޅިގެން ސަރުކާރާ ފުލުހަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް