ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނި ގޮތުގައި އީދުގެ ތަހުނިޔާ ކިޔުއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒައަށާއި ހުރިހާ ދިވެހިންނަށް މޯދީ މެސެޖެއް ފޮނުއްވާފައިވާ ކަމުގަ އެވެ.
މޯދީގެ މެސެޖުގައި އިންޑިއާ އާއި ރާއްޖެ ހިއްސާ ކުރާ ސަގާފީ އަދި ތަހުޒީބީ ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވާފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ. އަދި އީދު ދުވަސް ހަނދާންކޮށްދިނީ އެންމެ އުއްމީދުކުރާ ސުލްހަވެރި އަދި އެންމެން ހިމެނޭ ދުނިޔެއެއް ބިނާކުރުމުގެ ބޭނުންތެރިކަމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށް ވެސް މޯދީގެ މެސެޖުގައި ފާހަގަކޮށްފައިވެ އެވެ.
އާ ސަރުކާރު އައުމާއެކު ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އައި ބަދަލުތަކުގެ ތެރެއިން އިންޑިއާ އާއި ރާއްޖޭގެ ގުޅުން މި އަހަރުގެ ކުރީކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ހިންގާ ކެމްޕެއިނަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އެކަމަށް ރައްދު ދިނުމާއި ގުޅިގެން ވެސް ދެ ގައުމުގެ މަސްލަހަތު ވަނީ ގޯސްވެފަ އެވެ.
އެކަމާ ގުޅިގެން ހުތުރު ބަސްމަގުން އިންޑިއާއަށް ރައްދު ދިން މައްސަލައާއި ގުޅިގެން ތިން ޑެޕިއުޓީ މިނިސްޓަރުން ސަރުކާރުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.