ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ސަރުކާރުގެ ސިޔާސަތުތަކަށް އިބޫ ފާޑުވިދާޅުވެއްޖެ
ރައީސް މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފި އެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ސަރުކާރުގެ މިސްރާބު ގޯސް ކަމަށާއި އެކަންކަން ހައްލުކުރެވޭނީ މަޖިލިސް އިންތިހާބު އެޕާޓީއަށް ކާމިޔާބުވެގެންކަމަށެވެ.

ސޯލިހު ވިދާޅުވީ އައްޑޫގެ ތަރައްގީ އަށާއި އަދި މުޅި ރާއްޖޭގެ ކުރިއެރުމާއި ސުލްހަ އާއި ހަމަޖެހުމަށް އިސްނަގައި އެމްޑީޕީ އަށް ގޮނޑިތައް ކާމިޔާބުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސަރުކާރު ޖަވާބުދާރީކުރުމަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތުގައި އެ ޕާޓީން ފަހަތަށް ނުޖެހޭނެކަން ފާހަގަކުރައްވާ ޞާލިޙް ވިދާޅުވީ އަދިވެސް އެ ޕާޓީއަށް އިތުބާރު ކުރެވޭނެ ކަމަށެވެ. 

"އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ އައްޑު ސިޓީއަށް ޖުމްލަ ހައްލެއް ހޯދައިދިނުމަށް. އެއީ މިތަނަކީ ރައްޔިތުންނަށް ފަސޭހައިން ދިރިއުޅެވޭ، ވަޒީފާ އަދާ ކުރެވޭ، ވިޔަފާރި ކުރެވޭ މާހައުލެއް އޮތް ތަނަކަށް ހެދުމަށް." އެމްޑީޕީގެ އެޑްވައިޒަރު ކަންވެސް ކުރައްވާ ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ކެމްޕޭނަށް ރައީސް ސޯލިހު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ތަރައްގީއަށްޓަކައި ކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ ހިލޭ ޑިގްރީ ޕްރޮގްރާމު ކަމަށާއި ވޭތުވެދިޔަ ފަސް އަހަރު 18،000 އަށް ވުރެ ގިނަ ދަރިވަރުން އެ ޕްރޮގްރާމުގައި ބައިވެރިވެ، 9000 ދަރިވަރުން ޑިގްރީ ހާސިލުކޮށްފައިވާ ކަމަށެވެ. 

"އަޅުގަނޑު ދަންނަވާނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް، ވިސްނާ ވަޑައިގެން، ނަމަނަމަ މިކަން ނުހުއްޓުވައްޗޭ. މިއަށް ފައިސާ ބަހައްޓުވައްޗޭ. ރާއްޖޭގެ ތަރައްގީއަކީ އެއީއޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިގުތިސޯދު ކުރެއެރުވުމަށްޓަކައި އެ މަނިކުފާނުގެ ދައުރުގައި ކުރެވުނު މުހިއްމު އަނެއް ކަމަކީ މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކެއް ހަދައި ލޯނު ދޫކުރަން ފެށުން ކަމަށާއި، އޭގެ ސަބަބުން އާ ވިޔަފާރިތަކާއި ވިޔަފާރިވެރިން އުފެދިފައިވާ ކަމަށް ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ އެސްއެމްއީ ބޭންކުން ދޫކުރަމުން އައި ލޯނު ހޯދަން ވެސް ދަތިވެފައިވާ ކަމަށެވެ. އެ ބޭންކުގައި ހުރި ފައިސާކޮޅު މި ސަރުކާރުން ނަގައި މުހިން އެހެން ކަމަކަށް ހަރަދުކޮށްފައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިހާރު އެ ލޯނަށް ހުޅުވާލާފައި އެ އޮތީ ނަމަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެތާކު ނެތް ފައިސާއެއް. ނަމަކަށް އިއުލާނުކޮށްގެން އެ އުޅެނީ ލޯނު ދޭނަމޭ. ހަމަ ހަގީގަތުގައި [އެތާކު ފައިސާއެއް] ނެތް، އަޅުގަނޑުމެން ސުވާލުކޮށްލަންވީ އޭގެއިން ކުރީ ކޮންކަމެއް ތޯ ؟ އަނެއްކާ ވެސް އެ އުފެއްދި މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް މުސާރަ ދޭންތޯ އެ ބޭނުންކުރީ؟ ހަމަގައިމު ވެސް ދައުލަތުގެ ބަޖެޓުން އެބަ ފެނޭ އިންތިހާއަށް އެކަމަށް ހަރަދު ކުރާތަން،" ރައީސް ސޯލިހު ވިދާޅުވި އެވެ 

އައްޑޫ ސިޓީއަށް އަލިއަޅުއްވާލައްވައި ރައީސް ސޯލިހު ވިދާޅުވީ އެސިޓީއަށް އެންމެ ބޮޑަށް ތަރައްގީ ގެނެސްދީފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ. އަތޮޅުތެރޭގެ ތަރައްގީއަށް އިސްކަން ދޭ ކަމަށާއި، އާބާދީ ބޮޑެތި ރަށްތައް ތަރައްގީ ކުރަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ކޮންމެހެން ލިބިގެން ކަމަށް ރައީސް މުއިއްޒު ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް އެމްޑީޕީން ބުނަނީ ސަރުކާރު ޖަވާބުދާރީ ކުރަން އިދިކޮޅު މެމްބަރުން މަޖިލީހުގައި ތިބެން ޖެހޭ ކަމަށާއި ސަރުކާރަށް ހުރިހާ ބާރެއް ދީފި ނަމަ ގައުމުގެ މިސްރާބު ނުބައި ދިމާލަކަށް ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް