ads
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް
މަޖިލިސް ރައީސް އަންނަނީ ކޯޓުތަކަށް ނުފޫޒު ފޯރުވަމުން: މިނިސްޓަރު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަންނަނީ ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫގައި ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި އަސްލަމް ވަނީ ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބާއްވަން ކުރި މަސައްކަތަށް މި ސަރުކާރުން ހުރަސް އެޅި ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

އަސްލަމް ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިހުތިރާމާއި ގަދަރު ދޭން ޖެހޭ ކަމަށާއި ޔާމީނަށް އިންސާފު ނުލިބުން ބަލައިނުގަނެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްތުން ޖޭއެސްސީގައި އިންނަވާ އަސްލަމް ވިދާޅުވީ، ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމެއް ނުބޭއްވި މިހާ ދިގުލައިގެން ދިއުމުން މި ސަރުކާރުން އެ މައްސަލައިގެ ތެރެއަށް އަތްބާނައި، ނުފޫޒު ފޯރުވަމުންދާ ކަން ހާމަވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ޔާމީންގެ އިސްތިއުނާފުގެ މައްސަލަ އޭނާ ޖޭއެސްސީ އަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ [ޔާމީންގެ] މައްސަލަ އަޅުގަނޑު ލާނަމޭ [ޖޭއެސްސީއަށް]، އެ މައްސަލަ ބަލުވާނަމޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ރޭ މިފަދައިން ވިދާޅުވުމާ ގުޅިގެން އެ މަނިކުފާނަށް ރައްދު ދެއްވަމުންން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އަސްލަމް އޭރުވެސް މިހާރުވެސް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިސޯރުކޮށްގެން ކޯޓުތަކަށް ނުފޫޒުފޯރުވަން ކަމަށެވެ.

"އަޅުގަނޑުމެން 21 އޭޕްރީލްގައި ތިކަން ނިމުމަކަށް ގެންނާނަން." މިނިސްޓަރު ވިދާޅުވި އެވެ.

ޔާމީނުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކާއި ޔާމީނުގެ ސަޕޯޓަރުންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް އަމާޒުވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ފަރާތްތަކުން ނުފޫޒުގެ ތުހުމަތުތައް އިންކާރުކުރެ އެވެ.

ޔާމީނު މިނިވަންކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ސަރުކާރުން މި މައްސަލައިގައި ޔާމީންގެ ސަޕޯޓަރުންނާއި މިފަހަކަށް އައިސް އިދިކޮޅުގެ ފާޑުކިޔުން އަމާޒުވުމުން ބުނަނީ ވައުދުވީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓާލަން ކަމަށާއި އެކަން ސަރުކާރުން ކޮށްފި ކަމަށެވެ. 

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހުށަހެޅުމާއި މަނީ ލޯންޑަރިން ހިންގި މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް މިހާރު ހައި ކޯޓުގައި ވަނީ ހުކުމާ ހަމައަށް ގޮސްފަ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރެއްވީ ޔާމީންގެ ފަރާތުންނެވެ.

ޔާމީނުގެ ޝަރީއަތާ ގުޅިގެން މައްސަލަ ބަލާ ހައިކޯޓުން އެންމެ ފަހުން ބުނެފައިވަނީ، ކޯޓުގައި ހުރި ގިނަ މައްސަލަތަކުގެ ތެރެއިން، އެ ޝަރީއަތް ލަސްވަމުންދާ ކަމަށް ކޯޓުން ނުދެކޭ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް