ads
ޝިޔާމާއި ސުޖާއި ރައީސް ޔާމީން މިނިވަންކުރަން ގޮވާލި އެއްވުމުގެ ތެރެއިން. ފޮޓޯ: ދަ ފްރެސް
ޔާމީން މައްސަލަ ޖޭއެސްސީއަށް ލާން ބުނުމުން ސަރުކާރު ވެރިން ރައްދުދިނުމުގައި
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާތީ އެކަން ބަަލަން ޖޭއެސްސީއަށް ހުށައަޅުއްވާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވުމުން ޕީޕީއެމް ޕީއެންސީގެ ވެރިން ރައްދުދޭން ފަށައިފިއެވެ.
Advertisement

ރޭ އައްޑޫގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ ރައީސް ޔާމިންގެ ޝަރީއަތް މިހާ ދުވަސްވަންދެން ނުބާއްވާ އޮތުމުން މި ސަރުކާރުން އެޝަރީއަތަށް އަތްބާނާ ނުފޫޒު ފޯރުވަަމުންދާ މިންވަރު ދޭހަވާކަމަށެވެ. އަދި ޔާމީންގެ މައްސަލަ ލަސްވާ ސަބަބު ޖޭއެސްސީން ބަލަން ހުށައަޅުއްވާނެކަމަށާއި އެ މައްސަލަ ޖޭއެސްސީން ބައްލަވާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

އަސްލަމްގެ މި ވާހަތަކާއި ގުޅިގެން ސަރުކާރުން ހިންގާ ޕީޕީއެމް ޕީއެންސީގެ އިސްވެރިން މިވަނީ ސޯޝަލް މީޑިއާގައި އަސްލަމަށް ރައްދުދޭން ފަށްޓަވާފައެވެ.

އަސްލަމަށް ރައްދުދެއްވަމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް މެމްބަރެއްކަމަށްވާ އަދި މި ފަހަރުގެ މަޖިލީހުގެ ބާރަށު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ޝުޖާއު ވިދާޅުވީ ޔާމީނަށް އިއްވި ހުކުމާއި ގުޅިގެން އަސްލަމާވެސް ބައްދަލުކުރައްވާ ވާހަކަދެއްކެވިކަމަށެވެ. އަދި އެދުވަހު އަސްލަމް ދެއްކެވި ވާހަކަތައް ކަންފަތުގައި ހަރުލާފައި އޮތްކަމަށް ވިދާޅުވެ އަގައިން ހުތުރު އެއްޗެހި ކިޔަން މަޖްބޫރު ނުކުރުމަށްވެސް ސުޖާއު ވަނީ އެދިވަޑައިގެންފައެވެ.

" އަޅުގަނޑުމެން ގޮސް ވާހަކަ ދެއްކީމޭ ތިބޭފުޅާގެ ވެރިކަމުގަ. ތިބޭފުޅާ އެދުވަހު ވިދާޅުވީ ރައީސް ޔާމީން އޮންނަންޖެހޭނީ ޖަލުގަ ކަމަށް. ގެއަށް ބަދަލު ކުރެވޭނީ އިބޫ އަށް 2ވަނަ ދައުރެއް ލިބުނީމަކަމަށް. ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް. މިއަދު ވެސް ތިބޭފުޅުންގެ އަތުގަ ބާރު އޮތީ. އަހަރެމެން އަގައިން އައުގުރާނަ ގޮއްވަން ނޫޅެބަލަ." ރުޅިވެރި މޫނެއް ހިމަނާ ސުޖާއު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެއެވެ.

އަސްލަމްގެ ވާހަކަތަކަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މިހާރުގެ މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމްވެސް ވަނީ ރައްދުދެއްވާފައެވެ. ޝިޔާމް ތުހުމަތުކުރެއްވީ ޖޭއެސްސީގައި އަސްލަމް ހުންނަވައިގެން ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ގެންދަވާކަމަށެވެ.  އަދި އެކަން ނިމުމަކަށް ގެންނާނެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

" އަސްލަމް އޭރުވެސް މިހާރުވެސް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިޞާރުކޮށްގެން ކޯޓުތަކަށް ނުފޫޒުފޯރުވަން. އަޅުގަނޑުމެން 21 އޭޕްރީލްގައި ތިކަން ނިމުމަކަށް ގެންނާނަން." ޝިޔާމް އެކްސްގައި ލިޔުއްވާފައިވެއެވެ.

 

ޕީޕީއެމް ޕީއެންސީގެ އެކްޓިވިސްޓުންވެސް ގެންދަނީ ސޯޝަލް މީޑިއާގައި އަސްލަމަށް ރައްދުދެމުންނެވެ. 

މި ސަރުކާރުން އެމަނިކުފާނުގެ ޝަރީއަތަށް އަތް ބަނާ ނުފޫޒު ފޯރުވަމުން ގެންދަވާކަމަށް ރައީސް ޔާމީންވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އަދި މައްސަލާގައި ބެންޗުގައި ހިމެނޭ ފަނޑިޔާރެއްގެ އާއިލާއަށް ރައީސް މުއިއްޒު ސިޔާސީ ގޮތުން އެހީވެއްދެއްވަމުން ގެންދަވާކަމަށް ރައީސް ޔާމީންގެ އިސް ވަކީލް މުހައްމަދު ޖަމްލީވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް