އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމިއްޔާގެ ހެޑްކުއާޓާސް ވިލިމާލޭގެ ގޮނޑުދޮށުގައި ހަދާފައިވަނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތައް 2012 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލިބުނު ބިމުގައިކަމަށެވެ.
ސޭވް ދަ ބީޗް އަށް ލިބުނު ބިމުގައި އިމާރާތުގެ މަސައްކަތް ކުރަމުން ދަނިކޮށް އެކަން ކައުންސިލުން ހުއްޓުވާފައިވަނީ އެއްބަސްވުމައި ހިލާފަށްކަމަށް މިދިޔަ އަހަރު ޖޫން 5ގައި ސިވިލްކޯޓުން ނިންމާފައިވާކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އެހެންނަމަވެސް އެ މައްސަލާގައި އެކަށީގެންވާ ފާރުވާއެއް ލިބިފައި ނުވާތީ އެ މައްސަލަ ހައިކޯޓަށް ހުށައަޅާފައިވާކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.
އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލުން އެއްވެސް އެންގުމެއް ނޯޓިހެއް ދިނުމެއް ނެތި އެތަން ރޫޅާލުމުގައި މަސައްކަތް ކުރަމުން އަންނަކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
އެ ޖަމްއިއްޔާއިން ބުނީ ކުރިއަށް އޮތް ތަނުގައި ވިލިމާލޭގެ ގޮނޑުދޮށް ސާފުކޮށް ބަލަހައްޓަން ކައުންސިލުން ނިންމާފައިވާ ގޮތުގެ އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް އެ ޖަމިއްޔާއަށް ލިބިފައިނުވާކމަށެވެ.
އަދި ވެމްކޯގެ މުވައްޒަފުން ހަފްތާއަކު ދެ ފަހަރު ވިލިމާލެ ގޮނޑުދަށް އެޅޭ ފަތްތައް ނަގާ ސާފުކުރި ނަމަވެސް، ވިލިމާލެއަށް ދަތުރުދާ ފަރާތްތަކުން އެތަނަށް އަޅާ ޕްލާސްޓިކާއި ކުނިތައް ސާފުކުރަނީ ސޭވް ދަ ބީޗުންކަމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.
އެ ޖަމްއިއްޔާއިން ބުނީ ވިލިމާލޭގެ ގޮނޑުދޮށް ސާފު ކުރުމުގެ މަސައްކަތާ އިތުރު ބަޔަކު ހަވާލުވާނެ ކަމުގެ ޔަގީންކަން ލިބުމުން ނޫނީ، އެ ޖަމިއްޔާއިން ބަހައްޓާފައި ހުރި ޑަސްބިންތައް ނުނަގާނެކަމަށެވެ.
މި ކަމުގައި ކައުންސިލުން ނިންމާފައިވާ ގޮތެއް އެ ކައުންސިލަކުން އަދި ނުބުނެއެވެ.