ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ބޭނުންވަނީ ދިވެހި ބަހަށް ވިސްނާ ޖީލުތަކެއް ބިނާ ކުރަން: ރައީސް
ދިވެހި ބަހަށް އިސްކަންދޭ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާ ކުރުމަށް ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި ބަހުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގަ އެވެ.

ރައީސްގެ ހިތާބުގައި، އެމަނިކުފާނު ބޭނުންފުޅުވަނީ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރައްވަން ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ދިވެހި ބަހުގެ އިލްމު އުނގެނުމަށް ބާރުއަޅުއްވައި އެމަނިކުފާނު އިލްތިމާސް ކުރެއްވީ، އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި، ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށެވެ. ހަމަ އެއާއެކު، ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ގައުމު އަލިވިލޭން ޖާގަ ދެއްވުމަށް ކަމުގައިވެސް އެމަނިކުފާނުގެ ހިތާބުގައި ބަޔާން ކުރައްވާފައިވެ އެވެ.

"އަޅުގަނޑު ބޭނުންވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރަން. އަޅުގަނޑު އެދެނީ ދިވެހި ބަހުން ދޫ ހިނގާ ގަލަން ހިނގާ ޒުވާނުންތަކެއް އުފެދެން. އަޅުގަނޑު ތަރުޙީބުދެނީ ދިވެހީންގެ ގައުމާއި ދިވެހި ރާއްޖެއަށް ރައްކާތެރިކަން އެދި ހިތްތަކާއި ލޯތައް ހުޅުވިފައިވާ ރައްޔިތެއް މި ގައުމުގައި ތިބެން. އަޅުގަނޑު އިލްތިމާސް ކުރަނީ އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި ދިވެހި ބަހަށް ފަރިތަކަން ލިބިގަންނަން. " ދިވެހިބަހުގެ ދުވަހާ ގުޅިގެން މިއަދު ދެއްވި ހާއްސަ މެސެޖުގައި ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ފަށައިފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ބޭނުމުގެ މައްޗަށްވެސް ރައީސްގެ ހިތާބުގައި އަލިއަޅުއްވައިލައްވާފައިވެ އެވެ. އަދި އެކަންކަމުން ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައިވެ އެވެ.

ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިހު އަލްމަރްހޫމު ހުސައިން ޞަލާހުއްދީނަށްކަން ބަޔާން ކުރައްވައި ރައީސް ވަނީ، ފަޟީލަތުއްޝައިހު އަލްމަރްހޫމު ހުސައިން ޞަލާޙުއްދީނުގެ ހާޔާތްޕުޅުން ލިބިގެންދާ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ. 

އެގޮތުން ދިވެހި ބަހުން ކިޔަވައިގެން ޢިލްމުވެރި ވެވިދާނެކަމާއި، އެހެން ބަސްބަހުގެ އިލްމުތައް ދިވެހި ވެށްޓަށް ގެނެވިދާނެކަމާއި، އަމިއްލަ މާދަރީ ބަހަށް މޮޅުވުމުން އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވެވޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ. 

ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން، ދިވެހިބަހުގެ ދުވަހެއް ފާހަގަކުރަން ސަރުކާރުން ނިންމީ 21 ޖެނުއަރީ 2015 ގައެވެ.

ދިވެހިބަހުގެ ދުވަހަކީ 14 އެޕްރީލު ކަމަށް ސަރުކާރުން ކަނޑައެޅީ، އެ ދުވަހަކީ ރާއްޖޭގެ މަޝްހޫރު އަދީބު އަލްމަރްހޫމް ހުސައިން ޞަލާޙުއްދީން އުފަންވެވަޑައިގެންނެވި ދުވަސް ކަމުގައިވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް