ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމާ އެކަން ވަނީ އިއުލާންކޮށްފައެވެ. އަދި ގޯތި ބަދަލުކުރަން ބޭނުން މީހުންނަށް އެ ފުރުސަތު މިއަދުގެ ނިޔަލަށް އޮތީ ހުޅުވާލާފައެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ ގޯތި ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުން އަންނަކަމަށެވެ. އެހެންކަމުން މި މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ 23:00 ގެނިޔަލަށް އިތުރުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހަޅާއިރު ގޯތި ލިބިފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ (ބައިތަކުގެ ތެރޭގައި ހިމެނޭ ބައިވެރިންގެ އިޤްރާރު) އިޤްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަންދިނުމަށް ހައުއސިން މިނިސްޓްރީން އެދެއެވެ.
މިފުރުޞަތުގެ ދަށުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 663 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯތި
ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭފަރާތްތައް ކަނޑައަޅާނީ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތަކުންކަމާއި މިގުރުއަތު ނެގުން އޮންނާނެ ތާރީހެއް އިއުލާނުކުރާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އޮތުމުންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދިބއެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމީކަމަށްވެސް މިނިސްޓްރީން ބުނެއެވެ.