 
                                                                                                
                    ނެޝެނަލް ޓޯޗް ރަން" މި ނަމުގައި ކުރިއަށްގެންދާ މިދުވުން މިއަދު ހަވީރު 4 އިން މާދަމާ ހަވީރު 4 އަކަށް ކުރިޔަށްދާނެއެވެ. މާފަންނު އެކުވެނި ޓްރެކުގައި 24 ގަޑިއިރަށް ކުރިޔަށްދާ މި ދުވުން ފައްޓަވާ ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
މި ދުވުމުގައި ސަރުކާރުގެ ވުޒާރާތަކާއި ކުޅިވަރު ޖަމިއްޔާތަކާއި އެސްއޯއީތަކާއި ސްކޫލްތަކުންނާއި އާއްމުން ބައިވެރިވާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މިއީ 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ މީހުން މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާތީ އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ދުވުމެކެވެ. އަދި މިކަމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން އަންނަނީ ހާއްސަ ޓެލަތޯނެއް ކުރިޔަށް ގެންދަމުންމެވެ. މި ޓެލަތޯން 32 ގަޑިއިރަށް ކުރިޔަށް ދާނެކަމަށް ޕީއެސްއެމް އިން ބުނެއެވެ.
ޖެނެރޭޝަނަލް ބޭން ގެ ތާރީހަކީ 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ ފަރާތަތަކާއި،އަދި 1 ޖަނަވަރީ 2007 ގެ ކުރިން އުފަންވެފައިވިޔަސް، ޤާނޫނަށް އަމަލުކުރަން ފަށާއިރު 21 އަހަރު ނުފުރޭ ފަރާތްތަކެވެ. މިފަރާތްތަކުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުން ޤާނޫނީ ގޮތުން ވަނީ މަނާވެފައެވެ.