ads
މިސްރާބު ހަމަމަގަށް ވައިކަރަދޫ ޖަލްސާގައި ރައީސް ސޯލިހު: އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށަކަށް ހަދާނެ ކަމަށް ވިދާޅުވި - ފޮޓޯ:އެމްޑީޕީ
ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ކުށަކަށް ހަދާނަން: ސޯލިހު
ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށާއި އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށަކަށް ހަދާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕެއިނުގައި މިއަދު ވައިކަރަދޫގައި ބޭއްވި އެ ދާއިރާގެ މިސްރާބު ހަމަމަގަށް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީން ހޮވޭ މެންބަރުން ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާގެ ރައްކާތެރިކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދޭނެ ކަމަށެވެ.

"ބޭނުން ފަހަރެއްގައި، ބޭނުން ވަގުތެއްގައި ކުންފުނިތަކުގެ އިސްވެރިން ނޫނިއްޔާ ސަރުކާރުން އަންގައިގެން ވަޒީފާގައި ތިބި މުވައްޒަފުން ވަކި ނުކުރެވޭނެކަން އަޅުގަނޑުމެން ކަނޑައަޅާނަން. އެކަން ކޮށްފިއްޔާ އެއީ ގާނޫނީ ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅައި އެކަން ނިމުމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މި އިންތިހާބުގެ ކެމްޕެއިން މި ހިސާބަށް އައިއިރު، ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވެފައި ވަނީ މިއީ މީގެ 15 ނުވަތަ 20 އަހަރު ކުރިން ކެމްޕެއިންތައް ކުރަމުން ދިޔައިރު ވެސް ދިމާވަމުން އައި މައްސަލަތަކެއް ކަމަށެވެ. ވަޒީފާގައި ތިބި ފަރާތްތަކަށް މަޖުބޫރު ކުރުވައިގެން ސަރުކާރުގެ ކެމްޕެއިނުގައި ބައިވެރިކުރުވަމުންދާ ކަމަށްް އެމަނިކުފާނު ވިދާޅުވި އެވެ. ސޯލިހު ވިދާޅުވީ އިންތިހާއަށް ކުންފުނިތަކުން ދަނީ ވަޒީފާތައް ބަހަމުން ކަމަށެވެ.

"މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެކަން އޮންނާނީ މުޅިން ހުއްޓުމަކަށް ގެނެސްފައި. އެ ބޭފުޅަކު ބޭނުން ސިޔާސީ ފިކުރެއްގައި ވަޒީފާގައި ތިއްބަވައިގެންވިޔަސް މަސައްކަތް ކުރެވޭ ގޮތަށް އޮންނާނީ ފުރުސަތު ހުޅުވާލަދީފައި. އެހެންނަމަވެސް މިއަދު އަނެއްކާ ވެސް މި ވަނީ އެކަމަށް ހުއްޓުމެއް އައިސްފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން ބިރުދައްކައިގެން ވޯޓު ހޯދުން ކަމުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެ ނަމަ، ނުދެކޭ ފަދަ ބިރުވެރި ނާމާން ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެކަން ފާހަގަކުރައްވާ ވޯޓާ މެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް