
ތާޖުއްދީން ސްކޫލް ހޯލްގައި ހުރި ވޯޓް ފޮއްޓަށް ވޯޓްލުމަށް ފަހު ރައީސް މުއިއްޒު މީޑިއާތަކަށް އިލްތިމާސްކުރެއްވީ ހުރިހާ ރައްޔިތުން ވެސް ނިކުމެ ވީހާ ވެސް އަވަހަކަށް ވޯޓުލައި އެ މީހުންގެ ޒިންމާ އަދާކޮށްދެއްވުމަށެވެ.
މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވަން ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށް ކުރިއަށްގެންދަން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ލަފާގެ މަތިން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމައިފައެވެ.
މުޅި ރާއްޖޭގައި މިއަދު ކުރިއަށްދާ އިންތިޚާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހަކަށް ލިބެއެވެ. އެއީ 145،302 ފިރިހެނުންނާއި 139،661 އަންހެނުންނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތައް ހިމެނޭގޮތަށް މި އިންތިޚާބުގައި ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.
އީސީ އިން ބުނެފައިވާ ގޮތުގައި މި އިންތިހާބަށް ވަނީ 287،462 ކަރުދާސް ޗާޕުކޮށްފަ އެވެ.
ހެނދުނު 8:00 ވުމާ އެކު ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލާ ކިއޫތައް ހަވީރު 5:30 ވުމާ އެކު ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި އެވެ.
ވޯޓުލާން އިތުރު ވަގުތެއް ނުދޭނެ ކަމަށް އީސީން ވަނީ ބުނެފައި އެވެ.