ads
20 ވަނަ މަޖިލީހަށް އެމްޑީޕީ ވާދަކުރި ކެންޑިޑޭޓުން
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމި ތިބޭނަން: އިދިކޮޅު
ސަރުކާރު ޖަވާބު ދާރީ ކުރުވުމުގައި ދެމި ތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ބޮޑު ނާކާމިޔާބީއެއް ކުރިމަތިލާން ޖެހުނު އިދިކޮޅު އެމްޑީޕީން މިރޭ ބުނެފި އެވެ.

އިންތިހާބުގައި ސަރުކާރުން ވަނީ 93 ގޮނޑީގެ ތެރެއިން 70 ގޮނޑި ކަށަވަރުކޮށް އެމްޑީޕީ ބަލިކޮށްލާފަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރަށް ތާއީދުކުރާ ފަސް ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ.

ޕީއެންސީގެ ބޮޑު ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލިބުނީ މާޔޫސްކުރަނިވި ނަތީޖާއެއް ކަމަށެވެ. ނަމަވެސް ޑިމޮކްރަސީގެ ހަމަތައް ރާއްޖޭގައި ހަރުދަނާ ކުރުމަށް ސަރުކާރާ އެކު މަސައްކަތްކުރަން އިންތިހާބު ކާމިޔާބުކުރި އެމްޑީޕީ މެމްބަރުން ތިބީ ތައްޔާރަށް ކަމަށެވެ.

ފައްޔާޒް ވަނީ މަޖިލީހަށް ހޮވިވަޑައިގަތް އެމްޑީޕީ މެމްބަރުންނަށް މަރުހަބާ ދަންނަވައި، އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކެމްޕޭނު ކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ. 

މީގެއިތުރުން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީން އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރާއްޖޭގެ ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުން ކަމަށެވެ.

އަދި މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައިވާއިރު, މިއަދުގެ އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމަށް ޔަގީން ކަން އަރުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

 

"ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" އެމްޑީޕީން ބުންޏެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މީގެ ކުރިން އެމްޑީޕީން ކާމިޔާބު ކުރަމުން އައި އަދި ދާއިމީކޮށް ދިފަޢުކުރަމުން ދިޔަ ބައެއް ގޮނޑިތައްވެސް ކޮންގްރެސް ޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ. މިވަގުތު ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓިއާއި މާލެ ސިޓީގެވެސް ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނެވެ.

ގިނަ ފޮށިތަކުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އުޅުއްވަނީ އެހެން ކެންޑިޑޭޓުންނާ ވަރަށް ބޮޑު ތަފާތަކުން ކުރީގަ އެވެ.

އަތޮޅުތަކުގައިވެސް މީގެ ކުރިން އެމްޑީޕީން މެޖޯރިޓީ ނަގަމުން އައި ދާއިރާތަކުންވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ވަނީ ކުރި ހޯއްދަވާފައެވެ.

ކޮންގްރެސް ޕާޓިން ގިނަ ދާއިރާތަކުގެ ގޮނޑި ކާމިޔާބުކޮށްފައިވާކަމަށް ވަގުތީ ނަތީޖާ ދައްކާއިރު، ބައެއް ދާއިރާތަކުން ވަނީ ސަރުކާރުން ތާޢީދުކޮށްފައިވާ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންވެސް ކާމިޔާބުކޮށްފަ އެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް