ads
ރައީސް މުއިއްޒާއި މިނިސްޓަރު އާރިފް: އޭނާ ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ރައްޔިތުން ބޭނުންވާ ކަންކަން ބުނެ ދީފި ކަމަށް - ފޮޓޯ:މިހާރު
އާރިފް ވިދާޅުވެދެއްވަނީ އިއްޔެ އޮތް އިންތިހާބުން ރައްޔިތުން ބުނި 6 ބުނުމެއް
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ރައްޔިތުން ބޭނުންވާ ކަންކަން ބުނެ ދީފި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެދެއްވައިފި އެވެ.

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އާރިފް ވިދާޅުވީ އިންތިހާބުން ބުނެދިން ފުރަތަމަ ކަަމަކީ ގައުމުގެ މިނިވަންކަމާއި މުސްތަގިއްލުކަން ހިމާޔަތްކުރަން ރައްޔިތުން ބޭނުންވާކަން ކަމަށެވެ.

ދެވަނަ ކަަމަކަށް އަމިއްލަވަންތަކަމާއި ސަގާފަތާއި ތަރިކަ ރައްކާތެރިކުރަން ބޭނުންވާކަން ހާމަވާ ކަމަށް އާރިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ތިންވަނަ ކަމަކަށް މި އިންތިހާބުން ބުނެދިނީ ގައުމުގެ ހަމަޖެހުމާއި އަމާންކަން ރައްޔިތުން ބޭނުންވާކަން ކަމަށެވެ.

އިގުތިސޯދީ ފުދުންތެރިކަމާއި ތަނަވަސްކަމުގެ އިތުރުން ތަރައްގީ އާއި ކުރިއެރުމަށް ރައްޔިތުން އެދޭކަން މި އިންތިހާބުން ބުނެދީފި ކަމަށް އާރިފް ވިދާޅުވި އެވެ.

"މަތީގައިވާ ހުރިހާ ކަމެއް ހާސިލު ކުރުމަށް ރައީސް މުއިއްޒުއަށް ކުރާ އިތުބާރާއި އެމަނިކުފާނު ގެންގުޅުއްވާ ޕްލޭނަށް ފުރިހަމައަށް ތާއީދުކުރާކަން،" ރައީސް މުއިއްޒު ޓެގްކުރައްވާ ކުރައްވާ އާރިފް ވިދާޅުވެފައިވެ އެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ޕީއެންސީއަށް 66 ގޮނޑި ލިބިފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ހޯދުނީ 12 ގޮނޑި އެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއެންޕީއަށް އެއް ގޮނޑި އަދި އެމްޑީއޭއިން ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަމިއްލަގޮތުން ވާދަކުރި 11 ކެންޑިޑޭޓަކު ވެސް ވަނީ ގޮނޑި ކަށަވަރުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީއަށް އެންމެ ގޮނޑިއެއް ހޯދުނުއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދި ޕާޓީ، ޕީއެންއެފް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ އިތުރުން އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް