ads
ރައީސް މުއިއްޒާއި ދިއްގަރު ދާއިރާގެ މެންބަރު ކަަމަށް ހޮވިވަޑައިގެންނެވި ނާޒިމް - ފޮޓޯ:ރައީސް އޮފީސް
ދިއްގަރު ދާއިރާގެ ގޮނޑިއަށް އަނެއްކާވެސް ނާޒިމް
ވިހިވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ދިއްގަރު ދާއިރާގެ ގޮނޑި އެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ކާމިޔާބު ކުރައްވައިފި އެވެ.

އަށާރަވަނަ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރެއްވި ނާޒިމް އިއްޔެ ބޭއްވި އިންތިހާބުގައި ކާމިޔާބު ކުރެއްވީ 981 ވޯޓުންނެވެ. އޭނާ އާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަދި ދިއްގަރު ދާއިރާގެ މިހާރުގެ މެންބަރު އިކުރާމް ހަސަނަށް ލިބިވަޑައިގެންފައި ވަނީ 852 ވޯޓެވެ.

ނާޒިމް މަޖިލިހުގެ މެމްބަރުކަން ކުރައްވާފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 އަހަރަށް އަދި 2014 ވަނަ އަހަރުން 2015 އަހަރަށެވެ. ދިއްގަރު ދާއިރާގެ ގޮނޑި ދެވަނަ ދައުރަކަށް ކާމިޔާބު ކުރެއްވި ނަމަވެސް އޭނާއަށް މެންބަރުކަން ގެއްލިފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެންނެވެ. ނާޒިމްގެ މައްޗަށް އޭރު އިއްވި 25 އަހަރުގެ ޖަލު ހުކުމް 2018 ވަނަ އަހަރުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް 66 ގޮނޑި ލިބިފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ހޯދުނީ 12 ގޮނޑި އެވެ. ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއެންޕީއަށް އެއް ގޮނޑި އަދި އެމްޑީއޭއިން ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަމިއްލަގޮތުން ވާދަކުރި 11 ކެންޑިޑޭޓަކަށް ގޮނޑި ލިބިފައިވެ އެވެ.

ޖުމްހޫރީ ޕާޓީއަށް އެންމެ ގޮނޑިއެއް ހޯދުނުއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދި ޕާޓީ، ޕީއެންއެފް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ އިތުރުން އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް