ads
ހަސަން ލަތީފް
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަނީ
އިންތިހާބުވާ ޕާޓީއަކުން ވަކިވެ ޕާޓީ ބަދަލުކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މްމެބަރުކަން ގެއްލޭނެ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށައަޅައިފިއެވެ.
Advertisement

ގާނޫނޫ އަސާސީއަށް މި އިސްލާހު ހުށައެޅުއްވީ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. އޭނާ ހުށައެޅުއްވި އިސްލާހުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ހާލަތްތަކެއް ބަޔާންކޮށްފައެވެ. 

ހަސަން ލަތީފު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވުމަށްފަހު އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެކަމަށެވެ. އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ދައުރުގެ ތެރޭގައި ޕާޓީއަކާއި އެ މެމްބަރަކު ގުޅިއްޖެނަމަ އެ މެމްބަރުގެ ގޮނޑިވެސް ގެއްލޭނެކަމަށް ހަސަން ލަތީފުގެ އިސްލާހުގައިވެއެވެ.

ސިޔާސީ ޕާޓީއަކުން މަޖލީހަށް އިންތިހާބުވި މެމްބަރަކު އެޕާޓީގެ ނިންމުތަކާއި ހިލާފުވެ މަޖިލީހުގެ ފްލޯގައި ނުވަތަ ކޮމެޓީއެއްގައި ވިޔަސް ވޯޓްދޭ ގޮތަކުން އެޕާޓީއެއްގެ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީން ވަކިކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑިވެސް ގެއްލޭނެކަމަށް ހިމަނާފައިވެއެވެ. އަދި ޕާޓީގެ ނިންމުމާއި ހިލާފަށް ވޯޓްދީގެން ނޫންގޮތަކަށް ޕާޓީ ވަކިކޮށްފިނަމަ އެ މެމްބަރަކު އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަގުލަބިއްޔަތުން އޭނާ މަގާމުން ވަކިކުރަން ނިންމައިފިނަމަ ގޮނޑި ގެއްލޭނެކަމަށްވެސް ގާނޫނު އަސާސީއަށް ގެންނަ ހަސަން ލަތީފު ހުށައެޅުއްވި އިސްލާހުގައިވެއެވެ.

މީގެ އިތުރުން މެމްބަރަކު މަގާމުން ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި ނެގޭ އާއްމު ވޯޓުގައި މެމްބަރު ވަކިކުރަން އަގުލަބިއްޔަތުން ނިންމައިފި ނަމަވެސް މެމްބަރުގެ ގޮނޑި ގެއްލޭނެ ކަމަށް އިސްލާހުގައިވެއެވެ.


މެމްބަރުން ގަނެ ވިއްކުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން މީގެކުރިން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައެވެ. މަޖލީހުގެ މެމްބަރަކު ގޮނޑި ގެއްލޭނެ ގޮތް ގާނޫނު އަސާސީގއި ބުނެފައިވަތީ މި ބިލްގައިވާ ގޮތުން ޕާޓީ ބަދަލުކުރި ނަމަވެސް ގޮނޑި ގެއްލޭނީ އެ މެމްބަރަކު އަމިއްލައަށް އިސްތިއުފާ ދިނުމުންނެވެ. 

އެ ގާނޫނުގައިވާ ގޮތުން އެމީހަކު އިންތިހާބު ގޮނޑިއަކުން 3 ހާލަތެއްގައި އިސްތިއުފާ ދޭންޖެހެއެވެ. އެއީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުމާއި އެހެން ޕާޓީއަކަށް ބަދަލުވުމާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅުމެވެ. މި އިން އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 7 ދުވަހުގެތެރޭގައި އިސްތިއުފާން ދޭންޖެހޭނެކަމަށް ގާނޫނުގައިވެއެވެ. އެހެންނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން ހެދޭނެ ގޮތެއް މި ގާނޫނުގައި ހިމަނާފައެއް ނުވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް