ads
ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ: އޭނާއަށް ވަނީ ރައީސް އޮފީހުގެ ލީގަލް ކައުންސެލްގެ މަގާމު ދީފައި - ފޮޓޯ:ފޭސްބުކް
ކުރީގެ ފަނޑިޔާރު ޑީޑީއަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލްގެ މަގާމެއް
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލްގެ މަގާމު ދީފި އެވެ.

އަބްދުﷲ ދީދީ ލީގަލް ކައުންސެލްގެ މަގާމަށް އައްޔަންކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގަ އެވެ.

އަބްދުﷲ ދީދީ މި މަގާމަށް އައްޔަން ކުރިއިރު، ގުޅުންހުރި މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި އެބައޮތެވެ. އަދި އެ މައްސަލާގައި އޭނާއަށް ދައުވާ ކުރުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށްވެ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި އަބްދުﷲ ދީދީގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި މައްސަލަތައް ބަލަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްމިނިސްޓްރޭޝަން ނިމުމާ އެކު އެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަންކޮށްފައި ވަނީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު މައްސަލަ ބޮޑުވި ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު ދެ ފަނޑިޔާރެއްގެ މަގާމު ގެއްލުމާ ގުޅިގެންނެވެ.

އަބްދުﷲ ދީދީއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ޖޭއެސްސީން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން، 72 މެންބަރުންގެ ވޯޓާ އެކު އޭނާ މަގާމުން ވަކިކުރުމަށް ނިންމި އެވެ. އޭނާ ވެފައި ވަނީ މަޖިލިހުން ވަކިކުރި ސުޕްރީމް ކޯޓުގެ ފުރަތަމަ ފަނޑިޔާރަށެވެ.

އޭނާއަށް ކުރެވެނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރެން ފަނޑިޔާރުންނަށް ފައިސާ ދިންއިރު ފަނޑިޔާރަށް ވެސް ފައިސާ ލިބިފައިވާ ކަމުގެ ތުހުމަތެވެ. އެހެންނަމަވެސް ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ އަބްދުﷲ ދީދީ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް