ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް، ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު އައްޔަންކުރައްވާފައި ވަނީ މިއަދެވެ.
މިއީ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ އައްޔަންކުރައްވާފައި ވަނީ، އެކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާ ގޮތަށް ކަމަށެވެ. އަދި ސްޕޯކްސްޕާސަންގެ ގޮތުގައި ހީނާ ހިދުމަތްކުރައްވަމުން ގެންދަވާނީ މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައި ކަމަށް އެ އޮފީހުން ބުނެ އެވެ.
މީގެ ކުރިން ހީނާ ވަނީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ. ރާއްޖޭގެ ގައުމީ މީޑިއާގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ހީނާ ވަނީ ޕަބްލިކް ސާވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
ޗީފް ސްޕޯކްސްޕާސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް އައްޔަނުކުރެއްވި ހީނާ މަތީ ތައުލީމު ހާސިލުކުރައްވާފައި ވަނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަޓައިސްމަންޓުގެ ދާއިރާއިންނެވެ.