ޑރ މުއިއްޒުގެ ވެރިކަމުގައި ވިލިމާލޭގައި ބަގީ ހިދުމަތް ދޭން ފެށީ ކުރީ ސަރުކާރުން އެރަށުގައި ބަހުގެ ހިދުމަތް ދޭން ފެށިތަނާއެވެ. އޭރު ވިލިމާލޭގައި ދުއްވުމަށް 10 ބަގީ ގެނައެވެ.
ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ވިލިމާލޭގައި އޮތް 10 ބަގީން 7 އެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަކަމަށެވެ. އަދި އެރަށުގައި ބަޗީގެ ހިދުމަތް 24 ގަޑިއިރު ދިނުމަށް އިތުރު މުވައްޒަފުން ބޭނުންވާކަންވެސް ނަރީޝް ފާހަގަކުރިއެވެ.
އޭނާގެ މިވާހަކަތަކާއި ގުޅުވާ ކައުންސިލްގެ މި އަދުގެ ބައްދަލުވުމުގައި މުޅިން އާ 7 ބަގީ އަލުން ގެންނަން ނިންމާފައެވެ. އަދި އެތަކެތީގެ ހިދުމަތް ދިނުމަށް 31 މުވައްޒަފުން ނެގުމަށް ނިންމާފައެވެ. މުވައްޒަފުން ނަގަނީ އެހެން ކުންފުންޏަކާއި ހަވާލު ނުކޮށް ކައުސިލުން ހިދުމަތް ދިނުމަށެވެ. ކުންފުންޏަކާއި ހަވާލުކުރާނަމަ 24 ގަޑިއިރު ދިނުމަށް 4.7 މިލިއަން ހޭދަވާނެކަމަށެވެ. އެހެންނަމަވެސް ކައުންސިލުން އެކަން ކުރާނަމަ ހަރަދުވާނީ 1.5 މިލިއަންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ބަގީ ހިދުމަތަށް ނަގާ މުވައްޒަފުން
- އޮޕަރޭޝަން މެނޭހަރު 1
- ސުޕަވައިޒަރުން 2
- އޮޕަރޭޓަރުން 6
- ޑްރައިވަރުން 18
- ހެލްޕަރުން 2
- މެކޭނިކުން 2
މި މުވައްޒަފުންގެ މުސާރައަށް މަހަކު ތިން ލައްކަ ރުފިޔާ ހިންގާނެެއެވެ. އަދި އަހަރެއްގެ މައްޗަށް 3.9 މިލިއަން ހިންގާނެކަމަށްވެސް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވިއެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. އެ ހިދުމަތް ދިނުމަށް 10 ބަގީ ގެނައީ 2.9 މިލިއަން ހަރަދުކޮށްގެންނެވެ. އަދި އެ ހިދުމަތް ދިނުމަށްް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރީ މަހަކު މަހަކު 390،000 ރުފިޔާ ދޭ ގޮތަށެވެ. އެހެންނަމަވެސް އެ ކުންފުންޏަށް މި ހިދުމަތް ބަރާބަރަށް ނުދެވޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.