ads
އެމެރިކާގެ ރައީސް(ކ) ޗައިނާގެ ރައީސް(ވ) ސަލާމް ކުރައްވަނީ
ޗައިނާ އެމެރިކާއަށް؛ ވާދަވެރިންގެ ބަދަލުގައި ވާން ވީ ބައިވެރިންނަށް
އެމެރިކާ އަދި ޗައިނާއަކީ ވާދަވެރިންގެ ބަދަލުގައި ބައިވެރިންނަށް ވާން ޖެހޭ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވިދާޅުވެއްޖެ އެވެ.

އެންޓަނީ ބްލިންކެން މިހާރު އުޅުއްވަނީ ޗައިނާއަށް ކުރައްވާ ދަތުރެއްގައި ބެއިޖިންގައެވެ. އޭނާގެ މައިގަނޑު ބޭނުމަކީ ޗައިނާއިން ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުމެވެ. ދިހަ މަސް ދުވަސް ތެރޭ ބްލިންކެން ޗައިނާއަށް ވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ. 

ބްލިންކެން ވަނީ މިއަދު މެންދުރު ބެއިޖިންގް ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާ ބައްދަލު ކުރައްވާފަ އެވެ. މިދިޔަ ނޮވެމްބަރު މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވި ފަހުން ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޝީ ވަނީ ބްލިންކެން އަރިހު ވިދާޅުވެފަ އެވެ.

ޗައިނާގެ ތަރައްގީއާ މެދު ހެޔޮ ގޮތަކަށް އެމެރިކާއިން ވިސްނާ ނަމަ ގުޅުން، ރަނގަޅުވެ އިތުރަށް ކުރިއަށްދާނެ ކަމަށް ޝީ ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާ-ޗައިނާ ގުޅުން މިދިޔަ އަހަރު ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށް ފަހު ދެ ގައުމުން މިހާރު އަންނަނީ މަޝްވަރާ ކޮށްގެން އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ. 

އެމެރިކާ އާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ހުރި މުހިއްމު ކަންކަމުގެ ތެރޭގައި ޓައިވާންއާ ރަޝިއާ ހިމެނެ އެވެ. ޓައިވާން އަކީ ޗައިނާ ގަބޫލުކުރާ ގޮތުގައި ވަކިން އޮންނަ އެ ގައުމުގެ އަވަށެވެ. ވަކި ވެރިކަމަކުން ޓައިވާން ހިންގި ނަމަވެސް އޮންނަން ވާނީ ވެރިރަށް ބެއިޖިންގެ ބެލުމުގެ ދަށުގަ އެވެ.

އަދި އެމެރިކާއިން އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ޗައިނާއަށް އެކްސްޕޯޓު ކުރުން މަނާ ކުރުމާއި މިދިޔަ އަހަރު ކުރީ ކޮޅު ޗައިނާގެ ޖާސޫސީ ފުއްޕާހަންތަކެއް އެމެރިކާގެ ސަރަހައްދުން ފެނުން ހިމެނެ އެވެ.

އަދި ހަމަ މިއާ އެކު ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ ޓިކްޓޮކް އެޕްލިކޭޝަނަށް ވޮޝިންޓަނުން ކުރިމަތި ކުރަމުންދާ ޕްރެޝަރުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން، މެދު އިރުމަތީގައި ޗައިނާއަށް މުހިންމު ރޯލެއް އަދާކުރެވިދާނެ ކަމަށާއި އީރާނާ އެކު އޮތް ގުޅުން ބޭނުންކޮށްގެން، އިޒްރޭލާ ޖެހިފައިވާ މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ބެއިޖިންގް އިން ތެހެރާނަށް ބާރު އެޅުމަށް ބްލިންކެން އެދިވަޑައިގަތެވެ. 

ޗައިނާއިން އެމެރިކާ އަދި ހުޅަނގާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަބަދުވެސް އެދެއެވެ. އަދި ރަޝިއާއިން ޗައިނާއާއި ގުޅުން ބަދަހިކުރާތީ އެކަމުގެ ކަންބޮޑުވުން އަބަދުވެސް ފާޅުކުރެ އެވެ.

ޗައިނާއިން ހުޅަނގާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރަން ބޭނުންނަމަ ރަޝިއާއަށް އެހީ ފޯރުކޮށްދިނުން ހުއްޓައިލަންޖެހޭ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް މިފަހުން ވަނީ ވިދާޅުވެފައި އެވެ.

"މިދިޔަ އަހަރު ރަޝިޔާއިން މިސައިލް، ޓެންކް އަދި މަތިންދާބޯޓު އުފެއްދުމަށް ބޭނުންކުރާ މައިކްރޯ އިލެކްޓްރޯނިކްސްގެ 90 އިންސައްތަ އެތެރެކުރީ ޗައިނާއިން،" ސްޓޮލްޓެންބާގް ވިދާޅުވި އެވެ.

މިފަހުން ޗައިނާއިން ވަނީ ރަޝިއާއާއެކު އަސްކަރީ އަދި ވިޔަފާރީގެ ގުޅުން ފުޅާކޮށްފަ އެވެ. އެމެރިކާއިން ވަނީ އެ ދެގައުމަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

ޗައިނާއާއި ރަޝިޔާއާއި ދެމެދު މިދިޔަ އަހަރު ކުރި ވިޔަފާރި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 240.1 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރިއިރު އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 26.3 އިންސައްތައިގެ އިތުރުވުމެކެވެ.

އަނެއްކޮޅެއް ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރަން އެމެރިކާއާ ނޭޓޯ ގައުމުތަކުން ކުރާ މަސައްކަތްތަކާ ދެކޮޅަށް ޗައިނާ އިން ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާ ޕްރެޝަރަށް އަރާ ކަމެކެވެ.

އެމެރިކާ ގަބޫލުކުރާ ގޮތުގައި ރަޝިއާ އަތުގައި އަސްކަރީ ބާރުވެރިކަން ހުރިހައި ހިނދަކު، އެމެރިކާގެ ރޭވުންތައް ކާމިޔާބެއް ނުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް