ads
މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ހީނާ ވާހަކަ ދައްކަވަނީ - ފޮޓޯ:ޕީއެންސީ
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީގައި މަޝްވަރާކޮށްފައި: ހީނާ
ވިހިވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައަޅާނީ ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި މަޝްވަރާ ކުރުމަށް ފަހުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ގެންނަން ވަކި ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ސަރުކާރަަށް ވުރެ ބޮޑަށް މަޖިލިހުގެ ރައީސް ކަނޑައެޅުމުގެ މަޝްވަރާ ކުރިއަށް ގެންދާނީ ޕާޓީ ފެންވަރުގައި ކަަމަށެވެ.

"ސަރުކާރަށް ވުރެ ބޮޑަށް އެއީ އަޅުގަނޑުމެންގެ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނިންމުމުގެ ކަންކަން ކުރިއަށް ދާނީ،" ރައީސް މުއިއްޒުގެ އެންޑޯޒްމަންޓަކާ ގުޅޭގޮތުން އަދި މަޝްވަރާ ނުކުރެވޭކަން ފާހަގަކުރައްވާ ހީނާ ވިދާޅުވި އެވެ.

ނިމުނު މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް އެ ޕާޓީގެ 66 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް، އިންތިހާބުވި ހަ މެންބަރަކާއި އަމިއްލަގޮތުން ވާދަކުރައްވާ ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު ވެސް ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.

ޕީއެންސީ އާ ގުޅުނު ހަތް މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނަޒީމާއި އެމްޑީއޭ ލީޑަރު އަހުމަދު ސިޔާމްގެ އިތުރުން އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިހާބުވި މުހައްމަދު އައްބާސްއަކީ ވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުންނެވެ. 

އެ ހުރިހާ މެންބަރުންނާ އެކު އަންނަ މަޖިލިހުގައި ސަރުކާރަށް ތާއީދުކުރާ 77 މެންބަރުން ތިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް