ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގެ ސަބަބުން މެޓް އޮފީހުން މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމާއި ބެހޭ އޮފީހުން ބުނީ މިއަދު ހެނދުނު 7 ކުން މެންދުރު 12 ޖެހުމާއި ހަމައަށް މުޅި ރާއްޖެއަށް ވިއްސާރަވުން އެކަށީގެންވާކަމަށެވެެ. އަދި ގުރުހުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަަށް ވައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
ހުޅަނގު ދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލު ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ ކަނޑުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވާތީ އެކަމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި 40 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި 5 ގެއަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނުކަމަށްވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފައެވެ.