ads
ރައީސް މުއިއްޒު: ސިވިލް ސާވިސްގެ ވަޒީފާގެ ފުރުސަތު އަލުން ހުޅުވާލުމަށް ވަނީ ނިންމާފައި - ފޮޓޯ:ރައީސް އޮފީސް
ސިވިލް ސާވިސްގެ ވަޒީފާގެ ފުރުސަތު އަލުން ހުޅުވާލަނީ
އެކި ސަބަބުތަކަށްޓަކައި ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލާފައިވާ މީހުން އަލުން ސިވިލް ސާވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކު ރައީސް ވަނީ މީގެ ކުރިން ނިންމަވާފަ އެވެ.

ސިއްހީ ދާއިރާއެކޭ އެއްގޮތަށް ސިވިލް ސާވިސްގެ ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށް ވެސް ފުރުސަތު ދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ގޮތަށް، އެކި ސަބަބުތަކަށްޓަކައި ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލާފައިވާ މީހުން އަލުން ސިވިލް ސާވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކު ރައީސް ވަނީ ނިންމަވާފަ އެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. 

ރައީސްގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގަ އާއި ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާ އަދާކުރުމަށް ޝައުގުވެރިކަން ހުރި، އެ ދާއިރާތަކުގައި ވަޒީފާ އަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވާލުމަށް ވަނީ ނިންމަވާފަ އެވެ. މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސެވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ހަމަ އެއާއެކު އެކިއެކި ޓެކްނިކަލް ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ވުމާއެކު، އެފަދަ ފަރާތްތަކަށް ހާއްސަ 'ޕޭ ސްޓްރަކްޗަ' އެއް އެކުލަވާލެއްވުމަށް ވަނީ ނިންމަވާފަ އެވެ. މީގެ އިތުރުން ހަޔަ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ "ހައިލީ ޓެކްނިކަލް ފީލްޑްތަކަށް" ހާއްސަކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ރައީސްގެ މި ނިންމެވުން ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ސިވިލް ސާވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާއަތުތައް ހުރި ގޮތުން މީހުން ލިބުން ދަތި ނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައްޔާއި މުއައްސަސާތަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާ ކަމަށް، ފާހަގަކުރެވުން ހިމެނެ އެވެ. އަދި ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތް ކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަން ވެސް ހިމެނެ އެވެ.

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި، ސިވިލް ސާވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި ސިވިލް ސާވިސްއިން ދެއްވާފައިވާ މައުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި އެކަންކަމަށް ހައްލު ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް