ads
ދިވެހި ކަނޑުފަޅުތަކުން ބްލޫ ކާބަން ކްރެޑިޓްސް ވިއްކޭތޯ ބަލަން އައިޓީއެފްސީ އާ ވަނީ ގުޅިފައި - ފޮޓޯ:އައިޓީއެފްސީ
ކަނޑުފަޅުތަކުން ބްލޫ ކާބަން ކްރެޑިޓްސް ވިއްކޭތޯ ބަލަން އައިޓީއެފްސީ އާ ގުޅިއްޖެ
ދިވެހި ކަނޑުފަޅުތަކުގައި ހުރި ކާބަންގެ މިންވަރު ހިސާބުކޮށް، ކާބަން ކްރެޑިޓްސް ބޭރުގެ ބާޒާރުތަކަށް ވިއްކޭތޯ ބެލުމަށް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ އެކު ރާއްޖޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އައިޓީއެފްސީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ބްލޫ ކާބަން ޖެނެރޭޝަން ޕްރޮޖެކްޓުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުން ބްލޫ ކާބަން ކްރެޑިޓްސް ހިސާބު ކުރެވޭތޯ ބަލައި، ކާބަން މާކެޓުތަކަށް ވިއްކަން އޮތް ފުރުސަތުތައް ދެނެގަތުން ކަމަށެވެ.

މިއީ އެ ކޯޕަރޭޝަނުގެ އެންވަރަމެންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ސްޓްރެޓެޖީން ހާސިލު ކުރުމަށް އަމާޒު ހިފާފައިވާ ކަންކަމުގެ ތެރެއަށް ފެތޭ މަސައްކަތެއް ކަމަށް އައިޓީއެފްސީން ބުނެ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ހާނީ ސަލީމް ސޮންބޮލް އެވެ.

އާމްދަނީ އިތުރު ކުރުމަށް ކާބަން ކްރެޑިޓް ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމަކީ ސަރުކާރުން މިދިޔަ އަހަރު އާންމުކުރި 2026-2024 ގެ ފިސްކަލް ސްޓްރެޓެޖީގައި ހިމަނާފައިވާ އާ ކަމެކެވެ. ފިސްކަލް ސްޓްރެޓެޖީގައި ލަފާކޮށްފައިވާ ގޮތުން ކާބަން ކްރެޑިޓް ވިއްކަައިގެން 863.5 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ އެވެ.

ފިސްކަލް ސްޓްރެޓެޖީ ކަރުދާހުގައިވާ ގޮތުން ރާއްޖޭގެ ކުޅިތަކާއި މޫދުވިނަ ހުރި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކޮށް ނުވަތަ އެ ސަރަހައްދުތައް އިއާދަކޮށް، އެ ތަންތަނުން ކާބަން ރައްކާކުރާ މިންވަރު ހިސާބުކުރުމަށް ފަހުގައި "ކާބަން ކްރެޑިޓްސް" ދުނިޔޭގެ ބާޒާރުގައި ވިއްކޭނެ އެވެ.

ކާބަން އެމިޝަންސް ނުވަތަ ޖައްވަށް ގިނައިން ވިހަ ގޭސްތައް ދޫކުރާ ކުންފުނިތަކުން ކާބަން ކްރެޑިޓުތައް ގަންނަނީ ރެގިއުލޭޓަރުންގެ މިންގަނޑުތަކާ އެއް ހަމައަށް އެމިޝަންސް ތިރިކުރުމަށެވެ. ކުންފުނިތަކެކޭ އެއްގޮތަށް، ކާބަން އެމިޝަން މަތި ގައުމުތަކަށް ވެސް ކާބަން ކްރެޑިޓް ވިއްކޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް