ads
ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލިހުން ފާސްކުރި ފާތިމަތު ހަބީބާ (ކ) - ފޮޓޯ:ސީއެސްސީ
ސިވިލް ސާވިސް ކޮމިޝަނަށް ފާތިމަތު ހަބީބާ އައްޔަންކުރަން ފާސްކޮށްފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހުސްވެފައިވާ ގޮނޑިއަށް ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ހަބީބާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

ސީއެސްސީން ގޮނޑިއެއް ހުސްވެފައި ވަނީ ކުރިން އެ ކޮމިޝަނުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އާމިރާގެ ފަސް އަހަރުގެ ދައުރު ހަމަވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ސީއެސްސީއަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ނަމެއް ފޮނުއްވިއިރު، އެ ނަންތަކަށް މިއަދު ވަނީ ވޯޓަށް އަހާފަ އެވެ.

މަޖިލިހުގައި އެންމެ ފުރަތަަމަ ވޯޓަށް އެހީ އަބްދުލް ހަސީބު އިސްމާއިލްގެ ނަމަށެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވި އެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވި އެވެ.

އެ ވޯޓަށް ފަހު ދެން އަހާފައި ވަނީ ހަބީބާގެ ނަމަށް ރުހުން ދޭން ފެނޭތޯ އެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުން އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރި އެވެ. އެހެންކަމުން ހަބީބާގެ ނަން ފާސްވި ކަމަށް ރިޔާސަތުން އިއުލާނުކޮށް، އެ މަގާމަށް ދެން ކުރިމަތިލެއްވި މަރިޔަމް ޝާހިދާއަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

ހަބީބާއަކީ ޔުނިވާސިޓީ ޓެކްނޮލޮޖީ މެލޭޝިއާއިން މާސްޓާސް އޮފް ސައިންސް ހާސިލު ކުރައްވާފައިވާ ބޭކަނބަލެކެވެ. ސީއެސްސީގައި އޭނާ ހިދުމަތް ކުރައްވާތާ 14 އަހަރު ވަނީ ވެފަ އެވެ.

އޭނާ ވަނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިއުޓުގެ ލެކްޗަރާގެ މަގާމާ އަދި އެކްޓިން ސީއީއޯގެ ގޮތުން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. އޭނާ އެ ތަނުގެ ޑިރެކްޓާ ޖެނެރަލަކަށް އައްޔަންކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް