ads
ޗިކަން ޖުންޔާ ޖެހިފަ ހުރި ކުއްޖެއް - ފޮޓޯ:އޮޑޯމޮސް ޕްރޮޓެކްޓް ޑޮޓް ކޮމް
ވިއްސާރަ ދުވަސްވަރެއް، ޗިކުންގުންޔާ ފެންނަ މިންވަރު އިތުރުވެދާނެ، ސަމާލުވޭ!
މިއީ ވިއްސާރަ ދުވަސްވަރެއް ކަމުން ޗިކުންގުންޔާ ފެންނަ މިންވަރު އިތުރުވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު ސަނާ ސަލީމް ވިދާޅުވެއްޖެ އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ސަނާ ވިދާޅުވީ ޗިކަން ގުންޔާ ކޭސްތައް އާންމުކޮށް ފެންނަނީ ކޮންމެ 3-5 އަހަރު ފަހުން ކަމަށެވެ. އަދި ރާއްޖެއަށް ބަލާލައިފިނަމަ ޗިކުންގުންޔާ ކޭސްތައް އާންމުކޮށް ފެންނަނީ ކޮންމެ ފަސް އަހަރުންކަން ފާހަަގަކޮށް އެޗްޕީއޭގެ ކޯޑިނޭޓަރު ވަނީ މި ބައްޔަކީ އޭގެ ޒާތުގެ ގޮތުން ކުއްލިއަކަށް ވަރަށް ގިނައިން ފެނިފައި ދެން މަދުވަމުންދާ ބައްޔެއް ކަމަށް ހާމަކޮށްފަ އެވެ.

"ޗިކުންގުންޔާގެ ކޭސްތައް އަހަރުމެންނަށް މި ފެންނަނީ ކޮންމެ 3، 4 އަދި 5 އަަހަރު ފަހުން. ރާއްޖޭގައި ވެއްޖެއާމުން 5 އަހަރު ފަހުން ކޭސްތައް ފެންނަނީ. ކުއްލިއަކަށް ވަަރަށް ގިނައިން ފެނިފައި މި މަދު ވަނީ. ޗިކުންގުންޔާގެ ކޭސްތައް،" ސަނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސަނާ ވިދާޅުވި ގޮތުގައި މާލޭ ސަރަަހައްދުން މިހާރު ޗިކުންގުންޔާގެ ކޭސްތައް ފެނިފައި ވަނީ ތަންކޮޅެއް ގިނައިން ކަމަށެވެ. އަދި އަތޮޅު ތެރެއިން ވެސް މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވުމުން ބަލި ފެންނަ މިންވަރު އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ސަނާ ވަނީ ސީއެންއެމްއަށް މައުލޫމާތުދެއްވާފަ އެވެ. 

ވޭތުވެދިޔަ ފަސް ހަފުތާގައި ޗިކުންގުންޔާގެ 78 ކޭސް ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ 25 އަހަރުންމަތީގެ މީހުންގެ ތެރެއިން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެޗްޕީއޭއިން އިތުރަށް ބުނީ ބަލި ފެތުރެނީ މަދިރީގެ ޒަރިއްޔާއިން ކަމުން މަދިރި މަދުކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަަރާތްތަކާ އެކު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. 

އެގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމުތައް ހިންގަމުންދާ ކަަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ބަލި ޖެހޭ މީހުންގެ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް ކްލިނިކް މެނޭޖްމަންޓް ސެޝަނެއް ބާއްވާ، ސޯޝަލް މީޑިއާ އަދި މީޑިއާ މެދުވެރިކޮށް ބައްޔާ ބެހޭ ގޮތުންނާއި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރަމުންދާ ކަަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ރާއްޖޭގައި އެންމެފަހުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރާ އަދަދު އެންމެ ގިނަވެފައި ވަނީ 2019 ވަނަ އަހަރު ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަކަށް ޖުމްލަ 4،420 ކޭސް ރިޕޯޓު ކުރި އެވެ. 

ޗިކުންގުންޔާގެ އަލާމާތްތައް:

• ގަދަޔަށް ހުން އައުން.

• ބޮލުގައި ރިއްސުން.

• ހުޅުހުޅުގައި ރިއްސުން.

• ގައިން ބިހިނެގުން.

• ވަރުބަލިވުން އިތުރުވުން.

• މޭނުބައިކުރުމާއި ހޮޑުލެވުން.

• ކާ ހިތްނުވުން ކަހަލަ ކަންތައްތައް.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް