ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ފަހުމީ އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އޭގެ 4ހަތަރު ދުވަސް ފަހުން އޭނާ މަގާމުން ވަކިކުރީ އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް ރައްދުވުމުން ނެވެ.
ފަހުމީގެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވީ އޭނާ ސިވިލް ސާވިސްކަމުގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ފެންމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލާގަ އެވެ. އެ ދުވަސްވަރު ފަހުމީ ވަނީ ސިވިލް ސާވިސްގެ ރައީސްގެ މަގާމުން ވަކި ކުރައްވާފަ އެވެ. އޭގެ ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި ފަހުމީ ވަނީ މެލޭސިޔާގައި ހުންނަ ދިވެހި ސަފީރުކަން ކުރައްވާފަ އެވެ. އެ މަގާމު ފަހުމީ އަށް ދެއްވީ ރައީސް ޔާމިން އެވެ.
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ ގޮތުގައި މިނިސްޓަރު ފެންވަރުގައި ހުންނެވި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރުވެސް ވަނީ ދާދިފަހުން ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. އޭނާވެސް ބަދަލު ކުރީ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށެވެ.
މި ސަރުކާރުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމަށް ފަހު އެ މަގާމުން ވަކިކުރި މުންއިމް އަނީސް ވެސް ވަނީ ދާދިފަހުން އަލުން އެ މަގާމަށް އައްޔަންކޮށްފަ އެވެ.