އެޗްޑީސީން ބުނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅިގެން އެ ކޯޕަރޭޝަނުން ހުރިހާ ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާ އާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖެހި ކަމަށެވެ.
އާންމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން މަގު ބޭނުން ކުރާ އާންމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނެފައި ވަނީ އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް އެއް ހަފުތާގެ ތެރޭގައި ނަގައިދިނުމަށް އެ ކޯޕަރޭޝަނުން އެދޭ ކަމަށެވެ.
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އެ ކޯޕަރޭޝަނުގެ އެދުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށްފަ އެވެ.