ads
މިނިސްޓަރު ސައީދު ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަނީ ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ)
ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އިންވެސްޓްކުރަން މިނިސްޓަރު ސައީދު ގޮވާލައްވައިފި
ރާއްޖޭގެ އިގްތިސާދުކުރިއަރުވަން ފަސްނުޖެހި އިންވެސްޓްކުރެއްވުމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.

އިއްޔެ ސައުދީ އަރަބިއާގައި ބޭއްވި "ވޯލްޑް އިކޮނޮމިކް ފޯރަމް" ގައި ވާހަކަދައްކަމުން މިނިސްޓަރު ސައީދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވާ، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި އިންވެސްޓަރުން ހޯދަން މުހިއްމު ކަމަށް ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން މިނިސްޓަރު އެކްސްގައި ކުރި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ އިއާދަކުރަނިވި ހަކަތައާ ގުޅުން ހުރި އަމާޒުތައް ހާސިލްކުރަން މަސައްކަތްކުރުންކަމަށް ހާމަކޮށްފައެވެ. އަދި އެގޮތައް ކަންކަން މަގުފަހިވެއްޖެނަމަ ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް ސައީދު ވަނީ ފޯރަމްގައި ވިދާޅުވެފަ އެވެ.

ސައުދީގައި ބޭއްވި މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ބައިވެރިވަޑައިގަނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި 700 އަށް ވުރެ ގިނަ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އެ މިނިސްޓްރީން އިތުރަށް ވަނީ މި ދަތުރުގައި މިނިސްޓަރު ޒަމީރު، އެކި ގައުމުތަކާއި ޖަމިއްޔާތަކުގެ ވެރިންނާ ބައްދަަލުކުރައްވާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް ހާމަކޮށްފަ އެވެ.

މި ދެ މިނިސްޓަރުން ސައުދީއަށް ވަޑައިގެންނެވިއިރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވެސް މިވަގުތު ތިއްބެވީ ސައުދީގަ އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް ސައުދީއަަށް ވަޑައިގެންފައި ވަނީ މުސްލިމް އެކި ގައުމުތަކުގެ ދީނީ އިލްމުވެރިން ތިއްބަވާ މުސްލިމް ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެ ޖަމާއަތުގެ ސުޕްރީމް ކައުންސިލަށް ޝަހީމް އައްޔަންކޮށްފައި ވަނީ މިފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް