ads
ވިނަރެސް އެޕާޓްމަންޓުތައް: އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމުތައް ވަނީ ބާތިލުކޮށްފައި - ފޮޓޯ:އެޗްޑީސީ
ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލުކޮށްފި
އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާތިލުކޮށްފި އެވެ.

އެޗްޑީސީން ބުނީ މިިދިޔަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ވާތީ، އެޕްލިކޭޝަންތައް ވަނީ ބާތިލުކޮށްފައި ކަމަށެވެ.

އޮންލައިން ޕޯޓަލް މެދުވެރި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ފޯމު ހުށަހެޅުމުގައި ދިމާވި ދަތިތައް ބަޔާންކޮށް ގިނަ ޝަކުވާތަކެއް އެ ކޯޕަރޭޝަނަށް ހުށަހެޅި ކަމަށް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނެފައި ވަނީ ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބެލި ބެލުމުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައި ވާތީ އާއި އެކަމާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލިފައި ވާތީ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި ހުށަހެޅި އެޕްލިކޭޝަންތައް ވަނީ ބާތިލުކޮށްފައިވާ ކަމަށެވެ.

"ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި ވުމުން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާ މި ކޯޕަރޭޝަނަށް ތަކުރާރުކޮށް ދަނީ ލިބެމުންނެވެ. އަދި އެ ފަރާތްތަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުން ދާތީ، ވިނަރެސް އެޕާޓްމަންޓް ވިއްކުމަށް އިތުރަށް ހުޅުވާނުލާނެކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގެ އަމާޒާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތު ތަނަވަސްކޮށް، މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމުގަ އެވެ.

އެޗްޑީސީން ވަނީ ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތްކުރާ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބިފައި ވާތީ، އެފަދަ ކަންކަމަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް