
21 އަހަރުގެ ރައުދުގެ ބަންދު މުއްދަތު ހަތަރު ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ މީގެ ކުރިން ދެ ފަހަރެއްގެ މަތިން 15 ދުވަސް، އޭގެފަހުން ފަސްދުވަސް އަދި އެންމެފަހުން 20 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހާފާ އެވެ.
ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވަނީ މީގެތެރެއިން 5 ދުވަހަށް ރައުދު ބަންދުކުރަން ކޯޓުން ނެރުނު އަމުރެވެ. އިސްތިއުނާފު މައްސަލާގައި ބުނެފައިވަނީ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނާ ހިލާފަށްކަމަށެވެ.
ރައުދުގެ ބަންދަށް ފަސްދުވަސް ޖެހި ދުވަހު ފުލުހުން އެންމެ ފުރަތަމަ ކޯޓުގައި އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. އަށް ރިއާޔަތްކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ.
ފުލުހުން އެހެން އެދުމުން އެ މާއްދާގެ ދަށުން ރައުދު ބަންދުގައި ނުބެހެއްޓޭނެކަމަށް އޭނާގެ ދިފާއީ ވަކީލުން ބުނުމުން ފުލުހުން އެ މާއްދާ ބަދަލުކޮށްދިނުމަށް އެދުމެވެ. އޭގެ ފަހުން ފުލުހުން އެދުނީ
ގާނޫނުގެ 60 ވަނަ މާއްދާގެ ޅ. ގެ ދަށުން ރައުދު ބަންދުކޮށްދިނުމަށެވެ. އަނެއްކާވެސް ރައުދުގެ ފަރާތުން ބުނީ އެ މާއްދާގެ ދަށުންވެސް އޭނާ ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ.
އޭގެ ފަހުން ޝަރީއަތުގެ މަޖިލިސް ގަޒީ މެދުކަނޑާލިއެވެ. އަދި އިރުކޮޅެއްފަހުން އަލުން ޝަރީއަތް ފެށުމަށް ފަހު ގާޒީ ނިންމެވީ ރައުދު ދޫކޮށްލާފައި ހުރުމަކީ މުޖުތަމައުގެ ކަންކަން ހުރި ގޮތުން އެންމެ ރަނގަޅު ކަމަށް ނުވެދާނެތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. ގެ ދަށުން އޭނާގެ ބަންދަށް 5 ދުވަސް އިތުރު ކުރާށެވެ.
ގާނޫނާ ހިލާފަށް ރައުދު ބަންދުކުރި މައްސަލަ ހައިކޯޓުން ވަނީ ބަލައިގަނެފައެވެ. އެ މައްސަލާގައި ރައުދުގެ ފަރާތުންވަނީ ފަސް ނުކުތާއެއް ފާހަގަކޮށްފައެވެ. އެގޮތުން ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ހެކި ހުށަހެޅިކަމާއި އޮޅުމެއް ކަމަށް ބުނެ ދެވަނަ ފަހަރަށް ވެސް ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ބަންދުގެ މުއްދަތު އިތުރު ކޮށްދޭން އެދުނުކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ދެ ހަސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ ފަނޑިޔާރު އަމިއްލައަށް މުއްދަތު ޖެހިކަމާއި ފަނޑިޔާރު ހަވާލާދިން މާއްދާއާ ހިލާފަށް ބަންދުގެ މުއްދަތު ޖެހިކަންވެސް ވަނީ ރައުދުގެ މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.