
ކޯޓުން ބުނީ ރައުދުގެ ބަންދަށް ހާޒިރުކޮށް ބާއްވާ އަޑުއެހުންތައް ސިއްރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ކަމަށް ކޯޓުން ބުންޏެވެ.
ރައުދުގެ ބަންދަށް ކޯޓުން ހަތަރު ފަހަރު މަތިން އަމުރު ކޮށްފައިވާއިރު، ފުރަތަމަ ދެ އަމުރު ކޯޓުގެ ސައިޓުގައި ޝާއިއުކުރި ނަމަވެސް ފަހު ދެ އަމުރު ސައިޓުން ފެންނާކަށް ނެތެވެ. ފުރަތަމަ 25 އޭޕްރީލްގައި ފަސް ދުވަހުގެ ބަންދު އަމުރެއް ދިން އިރު، 30 އޭޕްރީލްގައި 10 ދުވަހުގެ ބަންދު އަމުރެއް ދީފައިވެއެވެ. އޭގެ ފަހުން 10 މެއިގައި ފަސް ދުވަހުގެ ބަންދު އަމުރެއް ދިން އިރު، މިދިޔަ ބުރާސްފަތި ދުވަހު 20 ދުވަހުގެ ބަންދު އަމުރެއް ދީފައިވެއެވެ. ނަމަވެސް ފަހު ދެ އަމުރު ކޯޓުން އާންމުކޮށްފައެއް ނުވެއެވެ.
ރައުދަކީ ޔުމްނު ވެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާއެވެ. ފުލުހުން ބުނެފައިވަނީ ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ފުރަތަމަ ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމަށެވެ. ނަމަވެސް ފަހުން ރައުދު ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެއެވެ. ކޯޓުން ނެރުނު ދެވަނަ އަމުރުން އެނގުނީ އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު "ހަމަނުޖެހުމެއް" ހިނގާފައިވާ ކަމަށެވެ.