އިކޮނޮމިކް މިނިސްޓްރީ ދަށުން ހިންގާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ރައީސް އުފެއްދެވީ މިއަހަރުގެ ޖެނުއަރީމަހުގެ 21 ގައެވެ. މިއީ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން އާއި، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް އިދާރާއެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެމްއައިއެފްއެސްއޭ ގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކުރެއްވިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދި ރާއްޖޭގެ މާލީ ދާއިރާ އަށް އިންގިލާބެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު ޖިހާދު ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް މިނިސްޓްރ ސައީދު ކުރެއްވި ޕޯސްޓްގައިވެއެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ގަވަނިން ބޯޑަށް މެންބަރުން އައްޔަނުކުރިން ސައިދު ހާމަކުރެއްވިނަމަވެސް އެ ބޯޑުގައި ހިމެނެނީ ކިތަން މެމްބަރުންކަމެއް އަދި ކޮންބައެއް ކަމެއް އެމަނިކުފާނުވެސް އަދި ސަރުކާރުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ބޯޑުގެ ޗެއާކަމަށް އައްޔަންކުރެއްވި ޖިހާދަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ހުންނެވި ނައިބް ރައީސްއެވެ. އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޖިހާދު ހުންނެވީ އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައެވެ.
ރައީސް މުއިއްޒު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގައި އެމަނިކުފާނާއި ދެކޮޅަށް ކުރިޔަށް ދިޔަ ނޫމަޑި ކުންފުނީގެ މައްސަލާގައި ޖިހާދު ވަނީ ޑރ މުއިއްޒުގެ ދިފާއުގައި ހެކިބަސް ދެއްވައިފައެވެ.