ads
އދ.ގެ އާންމު މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހައުސިން މިނިސްޓަރު ޑރ. ހައިދަރު ބަޔާން އިއްވަވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
"އެންމެ ވޯޓަކުން އަޑުނީވޭ ކަމަށް ހެދުމަކީ ލަދުވަތި ކަމެއް"
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާމުގެ މައުލޫމާތު ދުނިޔެއަށް ފެތުރުން ހުއްޓުވަން އެންމެ ވޯޓަކުން "ފަލަސްތީނު އަޑު" ނީވޭ ކަމަށް ހެދުމަކީ ލަދުވަތި ކަމެއް ކަމަށް ވިދާޅުވެ ރާއްޖެ އިން އަނެއްކާވެސް ފަލަސްތީނުގެ ދިފާއުގައި އަޑު އިއްވައިފި އެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 34,568އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 77,765އަށް އުފުލިފަ އެވެ. އދއިން ބުނީ, ގާޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގަ އެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ނުފެންނަ ކަމަށް ހެދިގެން ނުތިބެވޭނެ ކަމަށް ބުނެ، އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުން ފަލަސްތީނުގައި ހައްގުގައި ފިޔަވަޅެއް އެޅުމަށް، އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވޭނެ މަގު އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ.

"ފަލަސްތީނުން އިންސާފަށް ހަރުއަޑުން ގޮވާލައި ގޮވާލުން އެންމެ ވޯޓަކުން އަޑުނީވޭ ކަމަށް ހެދުމަކީ ލަދުވަތި ކަމެއް، އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު އުވާލަން ވެއްޖެ" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވި ގޮތުގައި އެ އެއް ވޯޓު ވަނީ ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް އދ. ގެ 140 މެމްބަރު ގައުމާއި ސަލާމަތީ މަޖިލީހުގެ 12 މެމްބަރު ގައުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިއަން މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ ސުލްހަވެރި އިހުތިޖާޖުގެ އަޑު ކަނޑުވާލައިފަ އެވެ.

ހައިދަރު އިތުރަށް ވިދާޅުވީ ގޮތުގައި ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް ނުކުޅެދުމުގެ ސަބަބުން، އިޒްރޭލުގެ ޖަރީމާތައް މިހާރު ބަޔަކަށް އާދައިގެ ކަމަކަށް ވެފަ ވާކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ފަލަސްތީނު ނަސްލު ނައްތާލުމުގެ ހަތިޔާރަކަށް އެ ވީޓޯ ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްޠީނުގެ ގާޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން 2023 އޮކްޓޫބަރު 7ގައި ލާއިންސާނީ އުދުވާނެއް ފެށި ފަހުން ފަލަސްތީނުގެ ދިފާއުގައި ރާއްޖޭން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި އަޑުއުފުލަމުންނެވެ. 

އެގޮތުން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އިޒްރޭލުން ވެރިވަގަނެގެން ތިބި ފަލަސްތީނުގެ ބިންތައް އަނބުރާ ހަވާލުކޮށް، 1948 ވަނަ އަހަރުން ފެށިގެން ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އެ މީހުންގެ ބިންތައް އަނބުރާ ހަވާލުކުރަން އިޒްރޭލަށް މަޖުބޫރުކުރަން ދިވެހި ސަރުކާރުން ހަރުއަޑުން އަންނަނީ ގޮވާލައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް