
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯވް ވިދާޅުވީ ގާޒާގައި ޔަހޫންދީ އިސްރާއީލުން ހިންގާ އަމަލުތަކާ ގުޅިގެން އެ ގައުމާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލާނެ ކަމަށެވެ.
ޕެޓްރޯވް ވިދާޅުވީ މިއަދުގެ ވަގުތެއްގައި އިޒްރޭލާއެކު ގާއިމުކޮށްފައިވާ ގުޅުން ރަސްމީކޮށް ކަނޑާލާނެ ކަމަށާއި، އެކަމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށިފަހުން ކޮލަމްބިއާއިން އައީ އިޒްރޭލަށް ދަތިކުރުމުގެ ގޮތުން އެކި ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ހަތިޔާރު ވިއްކުން ވެސް މަނާކުރި އެވެ.
މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 34,568އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ.
އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 77,765އަށް އުފުލިފަ އެވެ. އދއިން ބުނީ, ގާޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގަ އެވެ.
މި ހަނގުރާމައަށް މިހާރު ހަ މަސް ދުވަސް ވެފައިވާއިރު، ހަނގުރާމަ ނިމިގެން ހިނގައިދާނެ ކަމުގެ ކޮޅުމަތި ފެންނަމުން ނުދެއެެވެ.
މި ސަބަބުތަކާއި ހެދި އިޒްރޭލާއެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުން ގިނަ ގައުމުތަކުން އަންނަނީ ކަނޑާލަމުންނެވެ. އޭގެ ތެރޭގައި ލެޓިން އެމެރިކާ އަދި މެދުއިރުމަތީގެ ގައުމުތައް ހިމެނެ އެވެ.