
އިސްރާފުކުރުމުގެ ނުބައި ކަމަށް އަލިއަޅުވާލާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ކެއިންބުއިން ގިނަކުރުމުގެ ބަދަލުގައި މިފަދަ ތަދުމަޑުކަމުގެ ވަގުތުގައި، އެއިބުއިން މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި މާގިނައިން ކެއުމަކީ ތަފާތު އެކި ބަލިތަކުގެ ސަބަބެއް ކަމަށްވާއިރު ކެއުން ކޮންޓްރޯލް ކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ ނޭވާލުމަށް ތިންބައި ކުޅަ އެއްބައި ބަހައްޓަން ޖޭހޭ ކަމަށާއި އެގޮތުން ރަސޫލާ އިރުޝާދު ދެއްވަނީ ބަނޑު ފުރާ ނުކެއުމަށް ކަމަށެވެ.މުސްލިމުން ކައިބޮއި އުޅެން ވާނީ ދިރިހުރުމަށް ޓަކައިކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ކެއުމަށާއި ބުއިމަށްޓަކައި ދިރި ތިބޭ ބަޔަކަށް، މުސްލިމުން ވެގެން ނުވާނެ ކަމަށެވެ.
އެގޮތުން މި ފަދަ ދަނޑިވަޅެއްގައި ގޭގައި ތިބޭ އިރު، އަނބިދަރީންގެ ހައްގުތަކަށް ރައްކާތެރި ވުމަށާއި، އެކަކު އަނެކަކަށް ދަތިކޮށް، ޖެއްސުންކޮށް ނުއުޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން ﷲ ނަހީ ކުރެއްވި ކަންކަމާ ދުރުހެލިވެ، ޢިއްފަތްތެރިވުމަށް ހަނދާންކޮށްދެމުން ހުތުބާގަިއި ބުނީ ބޭކާރު ކަންކަމާ ދުރުހެލިވެ، އެކަކު އަނެކަކަށް އަޅާލަންވާނެ ކަމަށެވެ. އަދި ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ދުއާކޮށް، އިސްތިޣްފާރު ކުރުން ގިނަ ކުރުމަށް ހުތުބާގައި ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ.