އިއްޔެ ބޭއްވި އިންތިހާބުގައި ލޭބަ ޕާޓީ ނިސްބަތްވާ ސާދިގު ކާމިޔާބު ކުރެއްވީ ކޮންޒަވޭޓިވް ޕާޓީގެ ކެންޑިޑޭޓް ސޫޒަން ހޯލްއާ ވާދަކުރައްވަ އެވެ. މިއާ އެކީ އޭނަ ވެފައި ވަނީ މިހާތަނަށް އެންމެ ގިނަ ދުވަހު ލަންޑަންގެ މޭޔަރުގެ މަގާމު ފުރުއްވަން ލިބިވަޑައިތް ބޭފުޅާއަށެވެ.
ލަންޑަންގެ މޭޔަރުގެ މަގާމަށް ސާދިގު ހާން ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ އެކު، އެ މަގާމު އެންމެ ގިނަ ދުވަހު ފުރުއްވި މޭޔަރުގެ ޝަރަފު އޭނާއަށް ލިބިވަޑައިގަންނަވާނެ އެވެ.
އޭގެ ކުރިން އެ ރެކޯޑު އޮތީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އަތްޕުޅުގައި އެވެ.
ލަންޑަންގެ މޭޔަރުގެ ކަމުގެ ގޮނޑިއާ އެކު، މި ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންޒެވޭޓިވް ޕާޓީ އާއި ބޮޑުވަޒީރު ރިޝީ ސުނަކްއަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައި އެވެ.
އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ސާދިގު ހާންއަށް 44 ޕަސެންޓް ލިބިފައިވާއިރު އިދިކޮޅު ކެންޑިޑޭޓަށް ލިބިފައި ވަނީ 33 ޕަސެންޓް ވޯޓެވެ.
ސާދިގު ކުރިން ގާނޫނު މަޖިލީހުގެ މެންބަރެއްގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނަގެ މޭޔަރުކަމުގައި މިހާތަނަށް ލަންޑަންގެ ހާލަތު އެތައް ދާއިރާއަކުން ރަނގަޅު ކުރަން އެކަށީގެންވާ ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ކުށް މަދުކޮށް އަމާންވެއްޓެއް ގާއިމުކުރުމާއި އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާއި އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ފިޔަވަޅުތަކެއް އެޅުމާއި ތިމާވެށީގެ މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވުން ފަދަ ކަންކަން ހިމެނެ އެވެ.
ޕާކިސްތާން ނަސްލުން އިނގިރޭސިވިލާތަށް ހިޖުރަކުރި ދެމަފިރިއަކަށް ލިބުނު ސާދިގު ހާން ހަޔާތުގެ ކުރީކޮޅު ހޭދަކުރެއްވީ އާއިލާ އާއެކު އާދައިގެ ދެރަ ހާލަތެއްގަ އެވެ. އޭނާގެ ބައްޕަ އަކީ ލަންޑަންގެ ބަސް ޑްރައިވަރެއް ގޮތުގައި މަސައްކަތްކުރި މީހެކެވެ.