ads
ފޮޓޯ: ވިޒިޓް މޯލްޑިވްސް
ވޯލްޑް ޓްރެވަލްސް އެވޯޑްސްގައި ރާއްޖެއަށް ޝަރަފުވެރި 4 އެވޯޑެއް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން މިއަދު ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ) އިން، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި ދިވެހިރާއްޖެ ޝަރަފުވެރި 4 ކެޓަގަރީއަކުން އެވޯޑް ހާސިލުކޮށްފި އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަގްސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމެވެ. 

މިއަހަރު އެވޯޑް ލިބުނު 4 ކެޓަގަރީތަކަކީ: 

1. އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024
2. އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024
3. އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024
4. އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024 

މިއަދުގެ ވަގުތެއްގައި އޭޓީއެމް 2024 ގެ ވޯލްޑް ޓްރެވަލް އެވޯޑްސް ވިނާސް ހަބްގައި ބޭއްވި މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ އިއްޒަތްތެރި ފަރާތްތަކުންނެވެ. އެގޮތުން، މިނިސްޓަރ އޮފް ޓޫރިޒަމް، އަލްފާޟިލް އިބްރާހީމް ފައިޞަލް "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024" ގެ އެވޯޑާއި ހަވާލުވެލައްވާފައިވާއިރު، "އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024" ގެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލައްވާފައިވަނީ އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން، އަލްފާޟިލާ އައިޝާ ނޫރައިން ޖަނާޙެވެ.

މީގެ އިތުރުން، އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އަލްފާޟިލާ ފާޠިމަތު ތައުފީޤް, ބައްލަވައިގަނެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024" ގެ އެވޯޑެވެ. މީގެއިތުރުން، "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024" ގެ އެވޯޑްއާއި ހަވާލުވެލެއްވީ ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު އަލްފާޟިލް މުހައްމަދު ހަލީލް އެވެ. 

އެމްއެމްޕީއާރްސީން މައުލޫމާތުދެއްވި ގޮތުގައި، މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، އަދި، އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި ކުރަމުންގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވެގެންދާނެ އެވެ.

2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރި ފަހުން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. މީގެ ކުރިން، ދިވެހިރާއްޖެއިން ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން 6 ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވަނީ 9 ފަހަރު ކާމިޔާބު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް