ads
ފޮރިން މިނިސްޓްރީގެ ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ:ފޮރިން މިނިސްޓްރީ
ރިޓަޔާ ކުރެއްވި އަބްދުއްރަހީމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިދިޔަ މަހު އެމްއެންޑީއެފްގެ ހިދުމަތުން ރިޓަޔާ ކުރެއްވި ކުރީގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަބްދުއްރަހީމް އައްޔަންކޮށްފައިވާކަން އެނގިފައި ވަނީ އެ މިނިސްޓްރީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މިނިސްޓްރީގެ ފަރާތުން އޭނާ ބައިވެރިވެވަޑައިގަތުމުންނެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓުން އެނގޭ ގޮތުގައި އެ ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގެންފައި ވަނީ ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުންނެވެ. އެ މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ތުރުކީގައި އަލަށް ގާއިމު ކުރާ ދިވެހި އެމްބަސީގެ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ނިންމާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.

އަބްދުއްރަހީމް، 39 އަހަރަށް ފަހު އެމްއެންޑީއެފްގެ ހިދުމަތުން ރިޓަޔާ ކުރައްވާފައި ވަނީ މިދިޔަ މަހު 17 ވަނަ ދުވަހު އެވެ. ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ ސިފައިންގެ ގާނޫނުގައި ބުނާގޮތުން އުމުރުން 60 އަހަރު ފުރުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް