ads
އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖާއަށް ފަރުވާ ކުރުމުގައި ކަމާ ގުޅުންހުރި މައުލޫމާތު އާއިލާ އާ މަޝްވަރާކޮށް ތަފުސީލުކޮށް ކިޔައިދިން ކަމަށް ވަނީ ބުނެފައި - ފޮޓޯ:އައިޖީއެމްއެޗް
ފަރުވާ އާ ގުޅުންހުރި ކަންކަން ބަލިމީހާގެ އާއިލާ އާ ހިއްސާކުރިން: އައިޖީއެމްއެޗް
އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖާއަށް ފަރުވާ ކުރުމުގައި ކަމާ ގުޅުންހުރި މައުލޫމާތު އާއިލާ އާ މަޝްވަރާކޮށް ތަފުސީލުކޮށް ކިޔައިދިން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލު ކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ސޯޝަލް މީޑިއާގައި ބަލިމީހެއްގެ ހާލަތާއި ފަރުވާ އާ ބެހޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް، ބަލިމީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފްސީލުތަކަކީ އާންމުކޮށް ސޯޝަލް މީޑިއާގައި އެ ހޮސްޕިޓަލުން އާންމުކުރާނެ ވާހަކަތަކެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

"މިގޮތުން މި މައްސަލައިގައި ވެސް ބޭސް ދިނުމާއި އަދި ފަރުވާ އާ ގުޅުންހުރި އެހެނިހެން ކަންކަން ބަލިމީހާގެ އާއިލާ އާ ވާނީ މަޝްވަރާ ކުރެވި ތަފުސީލުކޮށް ކިޔައިދީފަ އެވެ،" އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ހިލާފަށް ދެކެވެމުންދާ ވާހަކަ އާ މެދު ހިތާމަކުރާކަން ހާމަކޮށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.

އައިޖީއެމްއެޗުން ބުނެފައި ވަނީ ފަރުވާދޭއިރު ހިތްހަމަ ނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅުނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލިމީހަކަށް ނުވަތަ އެހީތެރިންނަށް ހީވާ ނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަކުރެވޭ ނަމަ އެ ކަންކަން އިތުރަށް ސާފުކޮށް، އޮޅުންފިލުވޭނެ އިންތިޒާމުތަކާ އަދި އެއަށްފަހު ވެސް މައްސަލައެއް އޮތް ނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާ ބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި އެ ހޮސްޕިޓަލުގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް، އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ފަދަ އަމަލުތައް އައިޖީއެމްއެޗުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެފަދަ އަމަލުތަކާ ގުޅިގެން އެ ހޮސްޕިޓަލުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް