ads
ރައީސް މުއިއްޒާ ސައުދާ ސަލާމްކުރައްވަނީ: މަޖިލިހުގެ ނައިބު ރައީސަކަށް ގެންނަން ކުރާ ކެމްޕެއިނާ ގުޅުމެއް ނެތް ކަމަށް ސައުދާ ވަނީ ވިދާޅުވެފައި - ފޮޓޯ:ޕީއެންސީ
މަޖިލިހުގެ ނައިބު ރައީސަކަށް ގެންނަން ކުރާ ކެމްޕެއިނާ ގުޅުމެއް ނެތް: ސައުދާ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ނިލަންދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ގެނައުމަށް ގެންނަން ސޯޝަލް މީޑިއާގައި ކުރަމުން އަންނަ ކެމްޕެއިނަކީ އޭނާ އާ އެއްވެސް ވަރަކަށް ގުޅުންހުރި ކެމްޕެއިނެއް ނޫން ކަމަށް ސައުދާ ވިދާޅުވެއްޖެ އެވެ.

"އެކްސް" ގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން 'ސައުދާ ފޯ ޑެޕިއުޓީ' ގެ ނަމުގައި އެކައުންޓަކުން ކެމްޕެއިން ކުރަމުންދާ ދިއުމާ ގުޅޭގޮތުން ސައުދާ ވިދާޅުވީ އެ އެކްސް އެކައުންޓަކީ އޭނާ އާ އެއްވެސް ގުޅުމެއް އޮތް އެކައުންޓެއް ނޫން ކަމަށެވެ.

"މި އެކްސް އެކައުންޓަކީ އަޅުގަނޑާ އެއްވެސް ގުޅުމެއް އޮތް އެކައުންޓެއް ނޫން. އަޅުގަނޑު މަސައްކަތް ތަރުތީބު ވެގެން ދަނީ އަދި ދާނީ ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ވިސްނުމާ އެއްގޮތަށް،" ސައުދާގެ އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. 

އޭނާގެ ނަމުގައި އެފަދަ ކަންކަން ނުކުރުމަށް ވެސް ސައުދާ ވަނީ އެދިވަޑައިގެންފަ އެވެ.

ކުރިއަށް އޮތް 20 ވަނަ މަޖިލިހުގެ މެންބަރުން މި މަހުގެ 28 ވަނަ ދުވަހު ހުވާ ކުރައްވަން ހަމަޖެހިފައިވާއިރު، މަޖިލިހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމަށް ގެންނާނެ ބޭފުޅުންނާ މެދު ގޮތެއް ނިންމާނީ ސަރުކާރަށް ވުރެ ބޮޑަށް މަޖިލިހުގެ ސުޕާ މެޖޯރިޓީ ހޯދި ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފެންވަރުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް، އެ ޕާޓީން މިހާތަނަށް އެކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނިމުނު މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް އެ ޕާޓީގެ 66 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް، އިންތިހާބުވި ހަ މެންބަރަކާއި އަމިއްލަގޮތުން ވާދަކުރައްވާ ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު ވެސް ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.

ޕީއެންސީ އާ ގުޅުނު ހަތް މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނަޒީމާއި އެމްޑީއޭ ލީޑަރު އަހުމަދު ސިޔާމްގެ އިތުރުން އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިހާބުވި މުހައްމަދު އައްބާސްއަކީ ވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުންނެވެ. 

އެ ހުރިހާ މެންބަރުންނާ އެކު އަންނަ މަޖިލިހުގައި ސަރުކާރަށް ތާއީދުކުރާ 77 މެންބަރުން ތިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް