އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައި އޮފީހުގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަދަހަ މުބާރާތުގެ އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމަށް އިނާމު ހަވާލުކޮށްދެއްވީ އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާބިގެވެ. އަޒްކާގެ ފަރާތުން އިނާމާ ހަވާލުވީ އޭނާގެ ބައްޕަ އާދަމް ނަސީމެވެ. އޭނާއަށް އިނާމުގެ ގޮތުގައި ލިބިފައި ވަނީ މި މުބާރާތުގެ އެއްވަނައަށްދާ ފަރާތަށް ދިނުމަށް ހާއްސަކުރި ޓެންތް ޖެނެރޭޝަން އައިޕެޑެކެވެ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ފޭސްބުކް މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނުވަވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފަ އެވެ. އެކަން ފާހަގަކޮށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް އެލައިޑުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މީގެ އިތުރުން މި ޕްރެސް ކޮންފަރެންސެއްގައި އެލައިޑުން ވަނީ އާ ޕްރޮމޯޝަނެއް ލޯންޗުކޮށްފަ އެވެ. އަޔާދީން ފޯރުކޮށްދޭ ޗައިލްޑް އެޑިޔުކޭޝަން ތަކާފުލްއަށް ހާއްސަކޮށް ފެށި މި ޕްރޮމޯޝަނުގެ ދަށުން އެ ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
އަޔާދީން ފާހަގަކުރި ގޮތުގައި ޗައިލްޑް އެޑިޔުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑު ގާއިމުކުރަން އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމުގަ އެވެ. މިއަދުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދަން އެ ކުންފުނީގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުމަށް އެލައިޑުން ވަނީ އެދިފަ އެވެ.