ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
މިހާތަނަށް 500 ވުރެ ގިނަ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައިފި
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި އޮޕަރޭޝަން "ކުރަނގި"ގައި މިހާތަނަށް 500 ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ ނަގައިފިއެވެ.
Advertisement

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގައުމީ ހަރަކާތެެއްގައި ގޮތުގައި  އޮޕަރޭޝަން "ކުރަނގި" ފެށީ މިމަހުގެ 2 ވަނަދުވަހު ހިންމަފުށީގައެވެ.

މިއޮޕަރޭޗަންގެ އެންމެ ފަހުގެ ހިސާބުތައް އާއްމުކުރައްވަމުން ދާހިލީ ވަޒީރު އިހްސާން ވިދާޅުވީ ހިންމަފުށީގެ ފެށި މި މަސައްކަތުގައި ދަށުން އެރަށުގައި މަސައްކަތް ކުރަމުންދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގާފއިވާކަމަށެވެ. ބަޔޮމެޓްރިކް ޑާޓާގެ ގޮތުގައި ނަގަމުން އަންނަނީ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރު ފޮޓޯއެކެވެ. 

" {ބަޔޮމެޓްރިކް ޑާޓާ} ވަނީ ނެގި ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކުރެވިފައި. ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށޭނެ." ވަޒީރު އިހްސާން ވިދާޅުވިއެވެ.

ބިދޭސީން ގަވައިދަށް ފެއްތުމަށް މަސައްކަތް މިމަހު ފަށާފއިވާއިރު އެ މަސައްކަތް އެއްފަހަރާ ރާއްޖޭގެ ހުރިހާ ރަށެއްގައި މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށާއި އެ މަސައްކަތް ކުރިޔަށް ގެންދާނީ ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެންކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.

"ސީދާ ޖަވަބާކީ 3 އަހަރުގެ ތެރޭގައި އަޅުގަނޑުމެން [ބިދޭސީންގެ މައްސަލައަށް ހަައްލު] ގެންނާނަން.." މިދިޔަ އޭޕްރިލްމަހުގެ 29ގައި އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެފައިވެއެވެ.

ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށްފަހު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ފަސޭހަ އިންތިޒާމުތަކެެއް ހަމަޖައްސަވާނެކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް އައިޑެންޓީއެއް ނެތް މީހުން އެމީހުންގެ ގައުމަތަކާއި ގުޅި ޓްރެވަލް ޑޮކިއުމެންޓް ހަދާ އެމީހުން ފޮނުވާލާނެކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް