ads
ރައީސް ސޯލިހު: ވިދާޅުވީ އދ. ގެ މެންބަރުކަން ފަލަސްތީނަށް ލިބުމަކީ އެ ގައުމުގެ ރައްޔިތުން އަމިއްލަ ނިންމުމެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅުނު ހެޔޮ ފިޔަވަޅެއް ކަމަށް - ފޮޓޯ:އެމްޑީޕީ
މެންބަރަކަށްވުމަކީ ފަލަސްތީނު ރައްޔިތުންގެ މަސައްކަތަށް އެޅުނު ހެޔޮ ފިޔަވަޅެއް
ފަލަސްތީނުގެ ދައުލަތަށް އދ. ޗާޓަރުގެ ދަށުން މެންބަރުކަމުގެ ޝަރުތު ހަމަވާކަން ކަށަވަރުކޮށްދީ އދ. އާންމު މަޖިލީހުން ނެރުނު ގަރާރަކީ އެ ގައުމުގެ ރައްޔިތުން އަމިއްލަ ނިންމުމެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅުނު ހެޔޮ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދޭން ގޮވާލި ގަރާރު، އދ. ގެ އާންމު މަޖިލީހުން ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ ފާސްކޮށްފަ އެވެ. ރާއްޖޭން ކޯ ސްޕޮންސާކުރި ގަރާރު ފާސްކޮށްފައި ވަނީ 143 ގައުމުގެ ތާއީދާ އެކުގަ އެވެ. ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، 25 ގައުމަކުން ވަކި ކޮޅަކަށް ނުދީ ތިއްބެވެ.

އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ގޮވާލާ ހުށަހެޅި ގަރާރު ފާސްވުމާ ގުޅިގެން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ފަލަސްތީނުގެ ދައުލަތަށް އދ. ޗާޓަރުގެ ދަށުން މެންބަރުކަމުގެ ޝަރުތު ހަމަވާކަން ކަށަވަރުކޮށްދީ އދ. އާންމު މަޖިލީހުން ނެރުނު ގަރާރަކީ އެ ގައުމުގެ ރައްޔިތުން އަމިއްލަ ނިންމުމެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅުނު ހެޔޮ ފިޔަވަޅެއް ކަމަށެވެ.

އަދި މިއީ ފަލަސްތީނުގެ ރައްޔިތުން މިނިވަން ސިޔާދަތެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގެ އިންސާފުވެރިކަން ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

ފަލަސްތީނަކީ މިހާރު އޮންނަނީ އދ. ގެ 'އޮބްޒާވާ ސްޓޭޓަސް' ގެ ގައުމެއްގެ ގޮތުގަ އެވެ. މިހާރު 193 ގައުމެއް އދ. ގެ މެންބަރުންގެ ގޮތުގައި ތިބިއިރު، ފަލަސްތީނަށް މެންބަރުކަން ލިބުމުން 194 ވަނަ ގައުމަކަށްް ވާނީ އެ ގައުމެވެ. 

ހުކުރު ދުވަހުގެ ރޭ ފާސްކުރި ގަރާރުގައި ވަނީ ފަލަސްތީނަކީ އދ. ގެ މެންބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށާއި އެހެން ގައުމުތަކުގެ ބޮޑު ތާއީދެއް މި ކަމަށް އޮތްކަން ވެސް ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ. އދ. ގެ އާއްމު މަޖިލީހުގައި މި ބައްދަލުވުން ބޭއްވީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް އަލްޖީރިއާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ހުއްޓުވާފައިވުމުންނެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ވެސް ފަލަސްތީނަށް އދ. ގެ މެންބަރުކަން ފުރިހަމައަށް ލިބެން އޮތެވެ. އެހެންނަމަވެސް އިޒްރާއީލަށް މަދަދުވެރިވާ އެމެރިކާއިން އެ ދުވަހު ނެގި ވޯޓު ވީޓޯ ކުރުމުން އެކަން ވާގޮތެއް ނުވި އެވެ. 

ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަކީ އިސްރާއީލުން އެކަމާ ދެކޮޅު ހަދަމުން އަންނަ ކަމެކެވެ. އިސްރާއީލުން އަންނަނީ އދ. ގެ ނިންމުންތަކަށްް ބެލުމެއް ނެތި ފަލަސްތީނުގެ މުސްލިމުން ނައްތާލުމަށް ގާޒާގައި ގަތުލް އާއްމެއް ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް