ރަފަހް ސިޓީއަކީ ގާޒާގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅެމުން ދަނިކޮށް ގެދޮރު ގެއްލުމުންނާއި ހާލުގައި ޖެހުމުން އެތައް ހާސް ބަޔަކު ހިމާޔަތް ހޯދައިގެން ތިބި ސަރަހައްދެކެވެ.
ރަފަހްގައި ތިބި ރައްޔިތުން ބުނީ, އެ ރަށުގެ ސްކޫލްތަކާއި ހަސްފަތާލުތަކަށް ޔަހޫދީ ފައުޖުން ހަމަލާ ދޭން ފަށާފައިވާ ކަމުގަ އެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން އެ ރަށަށް ދީފައިވާ ރަޙުމު ކުޑަ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 35އަށް އަރައެވެ.
ގާޒާގެ ރަފަހްގައި ފަލަސްތީނުގެ 1.4 މިލިޔަނެއްހާ މީހުން މި ވަގުތު ތިބިއިރު, ޔަހޫދީ ފައުޖުން ދަނީ އެއްގަމު މަގުން އެ ރަށަށް އަރައި އުދުވާން ފުޅާ ކުރަން ތައްޔާރުވަމުންނެވެ. ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ފައުޖުން ވަނީ ރަފަހް ވަށައިލާފަ އެވެ. އަދި, ރަފަހްގެ އިރުމަތީގައިވާ ސަރަހައްދުތަކަށް ޔަހޫދީ ފައުޖުން ވަނީ ވަރުގަދަ ހަމަލާތައް ދޭން ފަށާފަ އެވެ.
މިހާތަނަށް އައިއިރު އަންދާޒާ ކުރާ ގޮތުން ރަފަހް ދޫކޮށް ދިޔަ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 150،000 އަށް އަރާނެއެވެ. ނަމަވެސް އިސްރާއީލުން ބުނާ ގޮތުން ނަމަ، ރަފަހް ދޫކޮށް ދިޔަ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ގާތްގަނޑަކަށް 300،000 އަށް އަރާނެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ އދ.ގެ ޖަމިއްޔާ އަންރުވާއިން ބުނި ގޮތުގައި ރަފަހް ދޫކޮށް ގާތްގަނޑަކަށް 110،000 މީހުން ނުކުތް ނަމަވެސް، އެ މީހުން ރައްކާތެރިކަން ހޯދާނެ އެއްވެސް ތަނެއް މިހާރު ގާޒާގައި ނެތެވެ.
ފަލަސްތީން އޮތޯރިޓީން ބުނާ ގޮތުގައި ރަފަހްއާއި މިސްރާ ދެމެދު އޮންނަ ބޯޑަރު އިސްރީއީލުން އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އެހެންވެ، ގާޒާއިން ނުކުތުމަށް ބޭނުންވާ މީހުންނަށާއި އެ ސަރަހައްދަށް އެހީ ފޯރުކޮށްދޭންދާ އުޅަނދުތަކަށް ވެސް ވަނީ ހުރަސްއެޅިފަ އެވެ.
އިސްރާއީލުގެ އެންމެ ގާތް އެކުވެރި އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ރަފަހްއަށް ހަމަލާ ނުދޭން އިސްރާއީލަށް ގޮވައިލައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނު ކުރުމުން، ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 35،700 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލައިފަ އެވެ.
އާންމުންގެ އެހާ ގިނަ ބަޔަކު މަރުވެ، ގާޒާ ބަނޑަށްޖެހޭ ހާލަތަށް ދިޔުމުން އިޒްރޭލަށް ވާގިދޭ ޔޫރަޕްގެ ގިނަ ގައުމުތައް ވެސް ދަނީ ހަމަލާތައް ހުއްޓައިލަން އިޒްރޭލަށް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް ބުނަމުންދާ ވާހަކަ އިޒްރޭލި ހަރުކަށި ބޮޑު ވަޒީރު ނަތަންޔާހޫ އަންނަނީ ތަކުރާރު ކުރައްވަމުންނެވެ.