ads
ސައުދީ ފަންޑާ އެކު ދެ ލޯނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ފިނޭންސް މިނިސްޓްރީ
ވީއައިއޭ މަޝްރޫއު ހިމެނޭހެން ސައުދީ ފަންޑުން 2.3 ބިލިއަން ރުފިޔާގެ ލޯނު ދީފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުގެ ނުނިމިހުރި މަސައްކަތް ނިންމުމަށާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް ސައުދީ ފަންޑުން 2.3 ބިލިއަން ރުފިޔާގެ ލޯނެއް ދީފި އެވެ.
Advertisement

ސައުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ދެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްޑީއެފް) ގެ ފަރާތުން ސޮއި ކުރެއްވީ އެ ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދެވެ.

ސައުދީ ފަންޑުން ވީއައިއޭގެ އާ ޓާމިނަލުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މިއަދު ދިން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަކީ އެ އެއާޕޯޓު ތަރައްގީ ކުރަން 2016 ވަނަ އަހަރު އެ ފަންޑުން ދިން 100 މިލިއަން ޑޮލަރުގެ އިތުރަށް ދިން ލޯނެކެވެ. ސައުދީ ފަންޑުން ދިން މި ލޯނާ އެކު ވީއައިއޭ ތަރައްގީ ކުރުމަށް އެ ފަންޑުން ލޯނުގެ ގޮތުގައި ދިން އަދަދު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް ވަނީ އިތުރުވެފަ އެވެ.

ވީއައިއޭގެ ތަރައްގީއަށް ދިން މި ލޯނުގެ އިތުރުން ސައުދީ ފަންޑުން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވަނީ ދީފަ އެވެ. މި ލޯނުގެ އެހީގައި ތިން ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ނިންމާފައިވާއިރު، އެ ތިން ހޮސްޕިޓަލުގައި 150 އެނދު ގާއިމުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސައުދީ ފަންޑުން ވަނީ މި ދެ ލޯނު ދޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދީފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައުދީ ފަންޑުގެ ސީއީއޯ މަރުޝަދު ވިދާޅުވީ ވީއައިއޭގެ ތަރައްގީ އާއި ސިއްހީ ދާއިރާ އާއި ހައުސިން އަދި އުމްރާނީ އެހެން މަޝްރޫއުތަކުގައި ސައުދީން އެހީވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި އެހީގެ ދަށުން ވީއައިއޭގެ ކެޕޭސިޓީ ހަތް މިލިއަން ފަސިންޖަރުންނަށް އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ ފަންޑުގެ ސީއީއޯ ވިދާޅުވެފައި ވަނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމާ އެކު، ވީއައިއޭ ތަރައްގީ ކުރަން މިހާތަނަށް ސައުދީ ފަންޑުން ހަ ލޯނެއް ދެވިފައިވާ ކަމަށާއި އެ ލޯނުތަކުގެ ޖުމްލަ އަދަދު 285 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެއާޕޯޓު ތަރައްގީ ކުރަން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް ދިން ލޯނާ ގުޅޭގޮތުން ސައުދީ ފަންޑުގެ ސީއީއޯ މަރުޝަދު ވިދާޅުވި ގޮތުގައި ލޯނުގެ އެހީގައި ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ ސައުދީ ފަންޑުން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ ތަފާތު މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން އަރައިގަންނަން އެ ފަންޑުން ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ.

އޭނާ ވަނީ ވީއައިއޭ ތަރައްގީ ކުރަން އިތުރު 100 މިލިއަން ޑޮލަރު ހަމަޖައްސައި ދިނުމާ ގުޅިގެން ސައުދީ ފަންޑުގެ ބޯޑަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް