ޕޯސްޓްމޯޓަމް ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެ އެތް މަރުވީ މީދަލުގެ ޒަރިއްޔާއިން ފެތުރޭ އެންސެފަލޮމަޔޯކާޑައިޓިސް ވައިރަސް (އީއެމްސީވީ) ޖެހިގެންނެވެ. މި ވައިރަހުގެ ސަބަބުން ސިކުނޑިއާއި ހިތް ދުޅަވެ، ކުއްލި ގޮތަކަށް މަރުވާކަމަށް އޮފިޝަލުން ބުނެ އެވެ.
އިންޑިއަން ވެޓެރިނަރީ ރިސާޗް އިންސްޓިޓިއުޓުން ބުނި ގޮތުގައި، މިއީ އެ ގައުމުގައި މި ވައިރަސް ޖެހިގެން އެތެއް މަރުވިކަމަށް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ. ދިއްލީ ޒޫގެ ޑިރެކްޓަރު، ޑރ. ސަންޖީތު ކުމާރު ވިދާޅުވީ، މިއީ އެއްވެސް އަލާމާތެއް ނުފެނި ކުއްލިއަކަށް ޖެހޭ ބައްޔެއް ކަމަށެވެ. އަދި މި ވައިރަސް ފެތުރެނީ މީދަލުގެ ސަބަބުން ކަމަށާއި، ހުޅުވާފައިވާ ޒޫ ތަކުގައި މީދާ ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އުމުރުން 29 އަހަރުގެ ޝަންކަރަކީ 1998 ވަނަ އަހަރު ޒިމްބާބުވޭއިން އިންޑިއާއަށް ހަދިޔާއެއްގެ ގޮތުގައި ދީފައިވާ އެފްރިކަން އެތެކެވެ. އޭނާގެ ބައިވެރިޔާ 2001 ވަނަ އަހަރު މަރުވުމަށް ފަހު، ޝަންކަރު ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު އެ ޒޫގައި އެކަނި ދިރިއުޅެފަ އެވެ. އޭނާ އެކަނިވެރިކަމުން ސަލާމަތްކޮށް، ހާއްސަ ހިމާޔަތް ލިބިފައިވާ ތަނަކަށް ބަދަލުކުރުމަށް އެކްޓިވިސްޓުން ގިނަ ދުވަސްތަކެއް ވަންދެން ވަނީ ގޮވާލާފަ އެވެ.