ads
ރައީސް މުއިއްޒު: ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން މަޖިލިހަށް ވަނީ ފޮނުއްވާފައި.
6 މަސްތެރޭ ގޯތި ދޫކުރަން ލާޒިމުކުރާ ބިލު ތަސްދީގުނުކޮށް ފޮނުވާލައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލު އާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ބިލު ތަސްދީގު ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ ރައީސް، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލު އާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޖިލިހުގައި އެދިވަޑައިގެން، މި ބިލު ތަސްދީގު ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

މި ބިލަކީ މިދިޔަ މަހުގެ 29 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލިހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކޮށް، މި މަހުގެ ދެވަނަ ދުވަހު، ރައީސް އޮފީހަށް، ތަސްދީގު ކުރެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ ބިލެކެވެ.

ބިމާބެހޭ ޤާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ވޯޓުންނެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ. 

އަދި މި ގާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރަންވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް