ads
މިފްކޯގެ ސީއީއޯ ޝަމާހް އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ - ފޮޓޯ:އިންފޯފިޝް
މިފްކޯއިން އަބަދުވެސް ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ: ޝަމާހް
ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ވިޔަފާރިތައް ގެންނަން ބޭރުގެ އިންވެސްޓަރުންނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަހްމަދު ޝަމާހް ރަޝީދު ވިދާޅުވެއްޖެ އެވެ.

ތައިލޭންޑުގެ ބެންކޮކްގައި ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ވާހަކަ ދައްކަވަމުން ޝަމާހް ވިދާޅުވީ މިފްކޯއިން ކޭނަރީ އާއި މަސް ރައްކާކުރާ ވަސީލަތްތަކާއި މަސްކިރާ ބޯޓުފަހަރުތަކަށް ވެސް އިންވެސްޓް ކުރުމަށް އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

"ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތަކަށް ދުނިޔޭގެ އިތުރު މާކެޓްތައް ހޯދައި، ފުޅާ ކުރުމަށް މިފްކޯއިން އިސްނަގައިގެން އަބަދުވެސް މަސައްކަތް ކުރޭ. ހަމައެއާ އެކު ކޭނަރީ އާއި މަސް ރައްކާކުރާ ވަސީލަތްތަކާއި މަސްކިރާ ބޯޓުފަހަރުތަކަށް ވެސް އިންވެސްޓް ކުރުމަށް ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް އަޅުގަނޑު މަރުހަބާ ކިޔަން،" ޝަމާހް ވިދާޅުވި އެވެ.

ޝަމާހް ވިދާޅުވެފައި ވަނީ ދެމެހެއްޓެނިވި ކަނޑުގެ އިގުތިސޯދެއް ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށްވާއިރު، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، ފާގަތި މުސްތަގުބަލެއް ރާއްޖެއަށް ބިނާކޮށްދޭނެ ބައިވެރިއެއްގެ ގޮތުގައި މިފްކޯ އޮންނާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ސަރުކާރާ އެކު މިފްކޯއިން މި ދަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން. އަދި ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން،" ޝަމާހް ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމުގެ އިތުރުން މިފްކޯއިން ކަނޑުމަހުގެ އުފެއްދުންތައް ތައްޔާރު ކުރަނީ އެގޮތަށް ބަލައިގެންކަން ފާހަގަކުރައްވާ ޝަމާހް ވިދާޅުވި ގޮތުގައި ކޮލިޓީގެ އެންމެ އުސްފަންތީގައި ދެމި ތިބުމަށާއި އިސްރާފު ކުޑަ ކުރުމަށް ކުރަން ޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާ ކަމުގަ އެވެ. އެގޮތުން މިފްކޯގެ ކަނޑުމަހުގެ އުފެއްދުންތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސެޓްފިކެޓްތަކާ އެކު އުފައްދާ އުފެއްދުންތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝަމާހް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ އަސާސަކީ ދޮށީގެ މަސްވެރިކަން ކަމަށާއި ބާނާ މަހުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އެންމެ ކޮލިޓީ ގޮތުގައި ބަލައިންގަންނަ ކަމަށެވެ. ހަމަ އެއާއެކު ބައިކެޗް އުފެދުނަ ނުދީ، ކަނޑުގެ ދިރުންތަަކަށް އެންމެ ގެއްލުން ކުޑަ މަސްވެރިކަމަކީ އެއީ ކަމަށް ވެސް ޝަމާހް ވިދާޅުވި އެވެ. ޝަމާހް ވިދާޅުވެފައި ވަނީ މަސްވެރިންނަށް ހެޔޮ ގޮތް ހޯދައިދިނުމަކީ މިފްކޯގެ އަމާޒު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް