އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުށަހަޅާފައި ވަނީ ޕާޓީތަކުން ވާދަކުރި 56 ކެންޑިޑޭޓަކާއި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި 35 ކެންޑިޑޭޓުންނެވެ.
ގާނޫނުގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން އީސީން ދިން މުއްދަތު މާދަމާ ރޭ 12 އަށް ހަމަވާއިރު މަޖިލިސް އިންތިހާބުގައި ވާދަކުރި 368 ކެންޑިޑޭޓުންގެ ތެރެއިން 277 ކެންޑިޑޭޓުން އަދި މާލީ ބަޔާން ހުށަނާޅަ އެވެ. އީސީއަށް މާލީ ބަޔާން ހުށަހެޅުމަކީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ.
މާލީ ބަޔާން ހުށަނާޅާ ނުވަތަ އޭގައި ދޮގު މައުލޫމާތެއް ހިމެނޭ ނަމަ، އީސީއަށް އެ ކެންޑިޑޭޓަކަށް ދައުވާ ކުރުމަށް ފޮނުވޭއިރު، އެ ކުށުގެ އަދަބެއް ކަމަށް ކަނޑައަޅާފައި ވަނީ އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 72،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަން:
- އިންތިހާބާ ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު
- އިންތިހާބަށް ހަރަދު ކުރަން ފައިސާ ހޯދި ގޮތުގެ ތަފްސީލު
- ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފްސީލު
- ބޭންކް އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް
- ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ
މާލީ ބަޔާނުގެ މައްސަލާގައި އީސީން ފުރަތަމަ ފިޔަވަޅު އަޅާފައި ވަނީ މިދިޔަ އަހަރު ބޭއްވި މަޖިލިހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެންނެވެ. އެ އިންތިހާބުގައި ވާދަކުރި ތިން ކެންޑިޑޭޓުން 6،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
އެފަހުން ރިޔާސީ އިންތިހާބުގައި ވާދަކުރި ފަސް ކެންޑިޑޭޓަކު ވެސް ޖޫރިމަނާކުރި އެވެ. މާލީ ބަޔާން ފުރިހަމާ ނުވާ މައްސަލާގައި އޭގެ ތެރެއިން ކޮންމެ ކެންޑިޑޭޓަކު ވެސް 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ކެންޑިޑޭޓުންގެ ރަސްމީ އެޖެންޓުން 6،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.