ads
ރައީސް މުއިއްޒާއި އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް - ފޮޓޯ:ރައީސް އޮފީސް
ރައީސް ހުށަހެޅުއްވީ މަޖިލިހުގެ ރަައީސްއަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް
ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމް އިންތިހާބު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.
Advertisement

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ 74 މެންބަރުންނާ އެކު ރައްޔިތުންގެ މަޖިލިހުގެ ސުޕާ މެޖޯރިޓީ އެ ޕާޓީއަށް ލިބިފައިވާއިރު، މަޖިލިހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް އިންތިހާބު ކުރަން އެމަނިކުފާނު ބޭނުންފުޅުވާ ބޭފުޅުންގެ ނަންތައް ހުށަހަޅުއްވާފައި ވަނީ މިހާރު މުލިއާގޭގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންނާ އަދި އިންތިހާބީ މަޖިލިސް މެންބަރުންނާ އެކު ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމުގަ އެވެ.

މަޖިލިހުގެ ރައީސް ކަމަށް އިންތިހާބު ކުރުމަށް ހުށަހަޅުއްވާފައިވާ އަބްދުއްރަހީމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމުން ވަގުތީ ގޮތުން އެ ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ބޭފުޅާ އެވެ. ފާއިތުވެދިޔަ ފަސް އަހަރު ދުވަހު އެ ކޯލިޝަން ހިންގެވުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައި ވަނީ އޭރު ޕީއެންސީ ރައީސްގެ މަގާމުގައި ހުންނަވަ އެވެ. ވެރިކަން ބަދަލުވުމަށް ފަހު ރައީސްގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް އަބްދުއްރަހީމް ވަނީ އައްޔަންކުރައްވާފަ އެވެ.

އަށާރަ ވަނަ މަޖިލިހުގައި ދިއްގަރު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ނާޒިމް ވަނީ ގޮނޑި ގެއްލުމާ ހަމައަށް ނައިބު ރައީސްކަން ކުރައްވާފަ އެވެ. ސަރުކާރުގެ އިސް މަގާމުތަކެއް ގިނަ ދުވަސްތަކެއް ވަންދެން އަދާކުރައްވާފައިވާ ނާޒިމަކީ ސިޔާސީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް އެ ޕާޓީގެ 66 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް އިންތިހާބުވި އަށް މެންބަރަކު އެ ޕާޓީ ގުޅިވަޑައިގަތުމާ އެކު، މަޖިލިހުގައި އެ ޕާޓީ ތަމްސީލު ކުރާ މެންބަރުންގެ އަދަދު 74 އަށް ވަނީ އަރާފަ އެވެ.

ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނަޒީމާއި އެމްޑީއޭ ލީޑަރު އަހުމަދު ސިޔާމް އަދި އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިހާބުވި މުހައްމަދު އައްބާސްއަކީ ވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުންނެވެ. 

އެ ހުރިހާ މެންބަރުންނާ އެކު އަންނަ މަޖިލިހުގައި ސަރުކާރަށް ތާއީދުކުރާ 78 މެންބަރުން ތިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް